ނުހައްގު މުއްސދިކަމަށް ފިޔަވަޅު އަޅަން އެމްޑީޕީއިން ގާނޫނެއް ފާސްކުރީ ނަމަކަށްކަމަށާއި، ނަމަވެސް މި ސަރުކާރުން ކޮރަޕްޝަނަށް ޖާގަ ނުދެއްވާނެކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
ނުހައްގު މުއްސަދިކަން ހޯދާ ފަރާތްތަކަށް އެކަށިގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އަޅާ، އެމީހުންގެ މައްޗަށް ގާނޫނު ހިންގުމަށް ހުށައަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އަޒާން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މި ގާނޫނު ފާސްކޮށްފައި އޮތީ ނަމަކަށްކަމަށެވެ. އެގޮތުން 19 ވަނަ މަޖިލީހުން ލިމިޓޭޝަންސްތަކެއް ލާފައިވާކަމަށް އަޒާން ވިދާޅުވިއެވެ.
އެގޮތުން ނުހައްގު މުއްސަދިކަން ސާބިތު ކުރުމަށް އެއީ ޖިނާއީ ބޮޑު ކުށެއް ކޮށްގެން ހޯދި މުއްސަދިކަމެއްކަމަށް ސާބިތުވާ މިންވަރަށް ހެކި ހުންނަންޖެހޭކަމަށެވެ. އަޒާން ވިދާޅުވީ ނުހައްގު މުއްސަދިކަން ހަމައެކަނި ހޯދެން އޮންނަނީ ޖިނާއީ ބޮޑު ކުށެއް ކޮށްގެން ނޫންކަމަށެވެ.
ނުހައްގު މުއްސަދިކަން ހޯދަނީ މި ކެޓަގަރީއަށް ނުފެތޭފަދަ ކުށްތައްކޮށްގެންކަމަށް އޭނާ ވިދާޅުވިއެވެ.
އާންމު ގޮގެއްގައި ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުން ނުހައްގުން މުއްސަދިވަނީ، އެ ކެޓަގަރީއަށް ނުފެތޭ ކުށްތައް ކޮށްގެން، އެހެންވީމަ ގަސްތުގައި އެ މަޖިލީހުން އޮތީ ނަމެއްގައި މި ގާނޫނު ފާސްކޮށްފަ، ނަމަވެސް އެއްވެސް ބަޔަކަށް އެ ކުށް ސާބިތު ކުރެވޭނެ ގޮތެއް އެ ގާނޫނު މިހާރު އޮތް ގޮތަކުން ނެތް.
އަޒާން ވިދާޅުވިއެވެ.
ސިންގަޕޫރުގައި އެ ގައުމުގެ ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރަކަށް ކޮރަޕްޝަންގެ ދައުވާ ކުރީ މުއްސަދި މަހުޖަނެއްގެ އަތުން، ހޮޓެލް ސްޓޭއަކާއި، ފްލައިޓް ޓިކެޓަކާއި މިހެން ހުރި ކަންތައްތަކެއް ހޯދުމުންކަމަށް ފާހަގަކޮށް އަޒާން ވިދާޅުވީ މިއީ ރާއްޖޭގައި ހިންގާ ކޮރަޕްޝަންތަކުގެ ޒައްރެއްގެ މިންވަރުވެސް ނުހިމެނޭ ކަމެއްކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ސިންގަޕޫރުގައި ދައުވާ ކުރިކަމަށާއި، އަދި ނުހައްގު މުއްސަދިކަން ހޯދި މީހާއަށްވެސް ދައުވާކުރިކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ އެ ދުވަސް ރާއްޖޭގައި ދެކެން ބޭނުންވާކަމަށެވެ. އާދައިގެ މުވައްޒަފުން ކުރާ ކުދި ކުދި ކަންތައްތައް ބެލުމުގެ ބަދަލުގައި، ދައުލަތުގެ މަގާމުގައި ތިބެއްވި އިސްވެރިން ނުހައްގުން މުއްސަދިވާ މުއްސަދިވުން ބެލޭނެ ދުވަހެއް ދެކެން ބޭނުންވާކަމަށް އަޒާން ވިދާޅުވިއެވެ.
މިހާރު މި ގެންނަ އިސްލާހުން މިކަމަށް ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ. މަޖިލީހުގެ މެންބަރުންނަށްވެސް މިހެން ބޮޑެި ތުހުމަތު ކުރެވޭއިރު، އަދިވެސް އިތުރު ގާނޫނުތައް ގެނެވެން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަޒާން ވިދާޅުވީ އެޒެޓް ޑިކްލަރޭޝަން ބިލެއް ވަރަށް އަވަހަށް އަންނާނެކަމަށް ބަންޑާރަ ނައިބު މައުލޫމާތު ދެއްވިކަމަށެވެ.
ނުހައްގުން އެއްވެސް މީހަކު މުއްސަދިވުމަކީ ގާނޫނީ ކުށަކަށް ހަދަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން ކޮރަޕްޝަނަށް ދޫ ނުދޭނެކަމަށް އަޒާން ވިދާޅުވިއެވެ. މަޖިލީހާއި، މަޖިލީހުގެ ކޮމިޓީތަކުންވެސް މިފަދަ މައްސަލަތައް ބައްލަވާނެކަމަށް ވިދާޅުވިއެވެ.

