ބެންކް އޮފް މޯލްޑިވްސް އިން އެ ކުންފުނީގެ ކަސްޓަމަރުންނަށް މާސްޓާކާޑުގެ ބިޒްނަސް ޕްރީޕެއިޑް ކާޑު ތައާރަފްކޮށްފިއެވެ.
ބީއެމްއެލްއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެ ބޭންކުގެ ބިޒްނަސް ޕްރީޕެއިޑް މާސްޓާކާޑުގެ ހިދުމަތަކީ ވިޔަފާރިތަކަށް ފަސޭހަކަމާއި ރައްކައުތެރިކަމާއިއެކު ފައިސާ ދެއްކުމުގެ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިކުރުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެކެވެ. މި ކާޑު ކުދި ވިޔަފާރިތަކުން ފެށިގެން ބޮޑެތި ވިޔަފާރިތަކަށް ވެސް މުއާމަލާތްތައް ކުރުމުގައި ނަގުދު ފައިސާގެ ބަދަލުގައި ބޭނުން ކުރެވޭނެ އެވެ.
ބީއެމްއެލް ބުނީ މި ހިދުމަތުގެ ސަބަބުން މުއާމަލާތްތަކުގެ ތަފްސީލު ރައްކާތެރިކާމާއި އެކު ބެލެހެއްޓި ނަގުދު ފައިސާއާއި ނުލައި މުއާމަލާތްތައް ކުރުމުގެ މަގު ފަހިވެގެންދާނެކަމަށެވެ. އަދި ބިޒްނަސް ޕްރީޕެއިޑްގެ ރުފިޔާ އާއި ޑޮލަރު ކާޑުވެސް ލިބޭނެކަމަށް ބުންޏެވެ.
ބީއެމްއެލްއިން ބުނެފައިވާގޮތުން މި ދެބާވަތުގެ ކާޑު ބޭނުންކޮށްގެން ވެސް ޕީއޯސް މެޝިނުތަކާއި ޕޭމަންޓު ގޭޓްވޭތަކުގެ އިތުރުން އޭޓީއެމްތަކުން ވެސް ހިދުމަތް ހޯދޭނެ އެވެ. އަދި ޑޮލަރު ކާޑު ބޭނުންކޮށްގެންނާއި، ބޭރުގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިނުތަކުގެ އިތުރުން ޕޭމަންޓް ގޭޓްވޭތަކުގައި ވެސް މުއާމަލާތް ކުރެވޭނެކަމަށެވެ.
މި ކާޑުތައް ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް އެއްލައްކަ ރުފިޔާ އަދި 50،000 ޑޮލަރުގެ މުއާމަލާތް ކުރެވޭނެ އެވެ.
މީގެއިތުރުން ދުވާލެއްގެ މައްޗަށް ދެލައްކަ ރުފިޔާ ނުވަތަ 50،000 ޑޮލަރު ރީލޯޑްވެސް ކުރެވޭނެކަަމަށް ވަނީ ބުނެފަ އެވެ.
މި ކާޑުތައް މެދުވެރިކޮށް ކުރެވޭ މުއާމަލާތްތަކުގެ ތަފްސީލުތައް އިންޓަރނެޓު ބެންކިންގް މެދުވެރިކޮށް ބަލާލެވޭނެ އެވެ.
ހިދުމަތް ތައާރަފު ކުރުމާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، އެ ކުންފުނީގެ ކާޑު ޕާޓްނަރުންކަމަށްވާ މާސްޓާކާޑާއި ގުޅިގެން ވިޔަފާރިތަކަށް ޑިޖިޓަލް ބެންކިންގް ހައްލުތަކެއް ހޯދައިދެވުމަކީ ލިބޭ ބޮޑު އުފަލެއްކަމަށެވެ. އަދި ބޭންކުގެ ބިޒްނަސް ޕްރީޕެއިޑް މާސްޓާކާޑަކީ ވިޔަފާރިތަކަށް އެހީތެރިވެ، ބޭނުންވާ ފަދަ ޒަމާނީ ހިދުމަތެއް ދިނުމަށްޓަކައި އެޅިފައިވާ މުހިންމު ފިޔަވަޅެއްކަމަށް ވިދާޅުވި އެވެ.

