މި މަހުގެ 7 ވަނަ ދުވަހު ”ހެލްތު އެކްސްޕޯ“ އެއް ބެއްވުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ހެލްތު މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ މި އެކްސްޕޯ ބޭއްވުމުގެ މައިގަޑު މަގުސަދަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ސިއްހީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް ހެލުންތެރިކުރުމާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
މިނިސްޓްރީން މި އެކްސްޕޯ މިމަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހަށް ބަހާލައިފައިވާއިރު 7 ވަނަ ދުވަހު ރޭގަނޑު 20:00 އިން ފެށިގެން 23:00 އަށް ކުރިއަށް ގެންދާނެއެވެ. އަދި 8 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިނިސްޓްރީން ބުނެފައިވަނީ މި އެކްސްޕޯގައި ސިއްހީ ހިދުމަތާއި ގުޅުން ހުރި އެކި މީހުންނަށް ބައިވެރިވެވޭނެ ކަމަށާއި އަދި އެގޮތުން ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި އަދި ޖަމިއްޔާ ޖަމާއަތްތަކާއެކު 50 ސްޓޯލް ބަހައްޓަން ނިންމާފައިވާ ކަމަށެވެ. މި ސްޓޯލްތައް ކުރިއަށް ގެންދާނީ ސިއްހީ ދާއިރާއާއި ގުޅޭ އެންމެންވެސް ޝާމިލްވާނެ ގޮތަކަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
އެކްސްޕޯގައި ކުރިއަށްދާ ސްޓޯލްތަކުން ލިބޭނެ ހިދުމަތްތައް:
- ސިއްހީ ދާއިރާގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތުތައް
- ސިއްހީ ދާއިރާއިން ތައުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތައް
- ޑޮކްޓަރަށް ދެއްކުމާއި ހެލްތު ސްކްރީނިންގ
- އެކި އެކި ބަލި ބައްޔާއި ގުޅޭ މައުލޫމާތުތަކާއި އިރުޝަދުތައް
- ހެލިފެލިވެ އުޅުމުގެ އެކި ހަރަކާތްތައް
- ބިދޭސީންނަށް ހާއްސަކޮށް ސިއްހަތާއި ގުޅޭ މުހިންމު މައުލޫމާތު އަދި ހެލްތު ސްކްރީނިންަ
- ޒުވާނުންނަށް ހާއްސަ ހަރަކާތްތައް
- ނަފްސާނީ ދުޅަހެޔޮ ކަމާއި ގުޅޭ މައުލޫމާތުތައް
- ސިއްހަތައް ފައިދާހުރި ކާނާ ގެ ސްޓޯލްތަކާއި ކެއުން ބުއިމުގެ އާދަތަކާއި ގުޅޭ މައުލޫމާތު
މީގެއިތުރަށް ކުޑަކުދިންގެ ހަވީރެއް މިނިސްޓްރީން ވަނީ ބޭއްވުމަށް ނިންމާފައެވެ. މި ހަވިރުގެ ތެރެއިން ކުޑަކުދިންގެ ހެލްތު ޗެކަޕް، މިންހެޔޮ ކާނާ އާއި ގުޅޭ މައުލޫމާތު، ހެދިބޮޑުވުމާއި ގުޅޭ މައުލޫމާތު، ވެކްސިން އަދި އެހެން ސިއްހީ މައުލޫމާތު ދިނުން ހިމެނެއެވެ.
ކުޑަކުދިންގެ ހަވީރުގެ ތެރެއިން މުނިފޫހި ފިލުވުމަށް ސްޓޭޖް ޝޯވް އާއި އެކި ފަންނާނުންގެ ހަރަކާތް ތަކާއި ހަވާއެރުވުމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

