މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީން ހޯދުމަށް ފެށި ހާއްސަ އޮޕަރޭޝަނުގެ ތެރެއިން މާލެއިން އިތުރު ފަސް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މާލެގައި ކުރިއަށް ގެންދިޔަ ރެއިޑްް އޮޕަރޭޝަނުގެ ތެރެއިން މާލޭގައި ހުންނަ ރެސްޓޯރެންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން ސައްހަ ވިސާއެއް ނެތި، ގަވާއިދާ ހިލާފަށް އެތަނުގައި މަސައްކަތް ކުރަމުން ދިޔަ 5 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާ މެދު ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އިމިގްރޭޝަނާއި ފުލުހުންނާއި ހޯމް މިނިސްޓްރީ ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިއީ ސަރުކާރަކުން މިކަމުގައި އެހާ ބުރަ މަސައްކަތްތަކެއް ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މިއަހަރު ވަނީ އަމާޒު ހިފާފައެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް 4،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ގަވާއިދާ ޚިލާފަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންދިޔަ ފަރާތްތަކާއި އަމިއްލައަށް ފުރަން ބޭނުން ވެގެން އެކަމަށް އެދިގެން ފުރުވާލި ފަރާތްތަކުގެ އިތުރުން އިމިގްރޭޝަނުން ނޯޓިސްދިނުމަށްފަހު ފުރުވާލެވުނު ފަރާތްތައް ހިމެނެއެވެ.

