ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ރީޖަނަލް ގޭމްސްއެއް ރާއްޖޭގައި ބޭއްވުން ކަމަަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ލޯގް ޓާމް ޑިވެލޮޕް ޕްލޭން އެކުލަވައިލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެކަމާއި ގުޅިގެން ސަންގު ޓީވީއަށް މައުލުމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ރީޖަނަލް ގޭމްސްއެއް ރާއްޖޭގައި ބޭއްވުން ކަމަށެވެ.
“ އެގޮތުން އަޅުގަނޑުމެން ކަނޑައެޅީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ރީޖަނަލް ގޭމްސްއެއް ރާއްޖޭގައި ބޭއްވެން ޖެހޭނެ ކަމަށް އެއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ވިޔަސް އަދި ސައުތު އޭޝިއަން ގޭމްސް ވިޔަސް، ނޫނީ ކޮމަން ވެލްތް ޔޫތް ގޭމް ވިޔަސް، ބާއްވާފައި ކުރިއަށް އޮތް 15-20 އަހަރު ތެރޭގައި އެބަޖެހޭ ސާރކް ސަރަހައްދުން ބޭރުން ހޯދަން“ މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ އެތުލީޓުންއަކީ ބައިނަލްއަޤްވާމީ ޕޯޑިއަމްތަކުން ފެންނާނެ ބަޔަަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ. އެހެންކަމުން، އެ އަމާޒަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު ކުރަންޖެހޭ މަސައްކަތް ރަނގަޅު ގޮތެއްގައި ދެނެޤަތުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
2024 ވަނަ އަހަރު ކުރެވުނު މަސައްކަތައް ބަލާއިރު، އެސޯސިއޭޝަންތައް ވަރުގަދަކޮށް، އެސޯސިއޭޝަންތައް ހިންގާ ޤަވައިދަށް ހެޔޮ ބަދަލުތަކެއް ގެނެއުމުގެ މަސައްކަތް ކުރެވިފައިވާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް މިއަހަރު ކުރެވިފައިވާނެ ކަމަށާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ފައިނެންޝިއަލް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްތައްވެސް ކުރެވިފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިފަދަ މަސައްކަތްތަކީ އާންމު ރައްޔިތުންގެ ލޮލަށް ފެންނަން ނެތް މަސައްކަތް ނަމަވެސް، 2024 ވަނަ އަހަރު ކުޅިވަރުގެ ދާއިރާގައި ކުރިއެރުވުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

