ހަރަދު ކުޑަ ކުރުމަށް އިލެކްޝަންތައް މަދު ކުރާ ނަމަ 2026 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއިއެކު ރިޔާސީ އިންތިހާބު ބާއްވަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގޮޮވާލައްވައިިފިއެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ފައްޔާޒް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ދައްކަވަނީ ވެރިކަމަށް އައުމަށް ރައްޔިތުންނަށް ދެއްކި މެނިފެސްޓޯއެއްގެ ވާހަކަ ނޫންކަމަށާއި މިހާރު އިވެނީ މުޅިން އައު ވާހަކަތަކެއް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ މިހާރު ފެންނަނީ ރައްޔިތުންނަށް ވީ ވައުދު ނޫން އެހެން އެތައް ވައުދެއް ވަމުން ދާ މަންޒަރުކަމަށެވެ.
ހަރަދު ކުޑަ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ވާހަކަ ރައީސް ދައްކަވަނީ ގަނޫނުއަސާސީގައި އޮތް ފާރަވެރި ދައުލަތެއްގެ ސިފަ ގެއްލުވާލަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ މިހާރު ހައްދަވަން އުޅުއްވާ ގޮތަކީ ފައިސާ އާއި ބާރާއި ނުފޫޒުގެ ތެރެއިން ވެރިކަމާއި މަޖިލީހާއި އެއްކޮށް ނިގުޅައިގަތުން ކަމަށެވެ. ރައީސް މުއިއްޒު ގެނެސްދެއްވާފައި ވަނީ މިޙާރު މުޅިން އައު މެނިފެސްޓޯއެއް ކަމަށާއި ހަރަދު ކުޑަ ކުރަން މަސައްކަތް ކުރާ ނަމަ، އިހުލާސްތެރިކަމާއިއެކޮށް އެކަން ކުރަން ފައްޔާޒް ވަނީ ގޮވާލައްވާފައެވެ. އަދި ކެރިވަޑައިގަންނަވާ ކަމުގައި ވާނަމަ 2026 ގެ ލޯކަލް ކައުންސިލް އިންތިހާބާއިއެކު ރިޔާސީ އިންތިހާބު ބާއްވަން ފައްޔާޒް ގޮވާލެއްވިއެވެ.
”ކެރިވަޑައިގަންނަވަންޏާ ލޯކަލް ކައުންސިލް އިންތިހާބާއި އެއްކޮށް ރިޔާސި އިންތިހާބު ބާއްވަވާ، އަލުން ރައްޔިތުންގެ ކުރިމައްޗަށް މިހާރު ތި ގެންނަވާ މެނިފެސްޓޯ އާއިއެކު ރައްޔިތުންނަށް އަލުން ފުރުސަތު ދެއްވާށޭ ތިބޭފުޅާއަށް ހުށައަޅުއްވާ ހުށައެޅުއްތަކާއި އާބަސް ބުނާނީތޯ ނޫންތޯ“
ފައްޔާޒް ވިދާޅުވީ ދެން ރައީސް ވިދާޅުވީ އެއް ބުރުން ރިޔާސީ އިންތިހާބު ނަންގަވާ ވާހަކަ ކަމަށެވެ. ފައްޔާޒް ވިދާޅުވީ މިއީ ނުބައި ސިގްނަލެއް ކަމަށާއި މީގެ ބޭނުމަކީ ވެރިކަމުގައި އޮވެ ވޯޓު ފޮށިތައް އަނެއްކާވެސް މާލެއަށް ގެނެސް އޮޅުވާލާނެ ކުރީގެ އެ ނިޒާމަށް އަނބުރާ ދިއުން ކަމަށެވެ.
މީގެއިތުރަށް ފައްޔާޒް ވިދާޅުވީ މަޑުުން ތިބެވެން ނެތް ކަމަށާއި އަދި މިކަންކަން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

