ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޭ 5 އިންސަތައަކީ ފިނޭންސް މިނިސްޓަރު ހިތަށް އަރުއްވާ ގޮތަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ހެޔޮފުޅު ކަމުން ދެއްވާ އެއްޗެއް ނޫން ކަމަށާއި އެއީ ގާނޫނުގައި އެގޮތަށް ބުނެފައި އޮންނާތީ ދޭން ޖެހޭ އެއްޗެއް ކަމަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ ޗެއާ އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ނިޔާޒް ވިދާޅުވީ ދައުލަތުގެ މުޅި އާމްދަނީގެ 5 އިންސަތައިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް އޮތް ކަމަށެވެ. ފުރަތަމަ އަހަރު 1.4 ބިލިއަން، ދެވަނަ އަހަރު 1.6 ބިލިއަން، ތިންވަން އަހަރު 1.8 ބިލިއަން ރުފިޔާ އަދި މިއަހަރު ދައުލަތުގެ ބަޖެޓުން 2.2 ބިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް ގާނޫނުން ލާޒިމް ކުރާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ގާނޫނުން އެހެން އެކަން ލާޒިމް ކުރާއިރު އަނެއްކާވެސް ދައުލަތުގެ ބަޖެޓު އައިރު އެކަމަށް ބަދަލުތަކެއް ގެނެސްފައި ވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ. ނިޔާޒް ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ގޮތުގައި 39 ބިލިއަން ރުފިޔާ ލިބޭކަމަށް ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށްފައި އޮތްކަމަށެވެ.
”ބަޖެޓުން ކަނޑަން ޖެހޭ އެއްޗެހިވެސް އެބަހުރި. އޭގެތެރެއިން ޓެކްސް ކަނޑަން ޖެހޭ، ބޭރުގެ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އޮތް އާމްދަނީ ކަނޑަން ޖެހޭ، މުޅި ދައުލަތަށް ބިލްތަކުން ލިބޭ އާމްދަނީގެ 60 އިންސައްތަ އޭގެން ކަނޑަން ޖެހޭ. މި ހިސާބު މިހެން ހަދާފައި އައިމާ އަންނަ އަދަދަކީ ކައުންސިލަރުންނަށް ލިބޭ އަދަދު. އެއީ ފިނޭންސް މިނިސްޓަރު ކޮންޓިންޖެންސީ ބަޖެޓުން ނަގައިގެން ދޭން ޖެހޭ އެއްޗެއް ނޫން. އަދިވެސް ބަޖެޓު އޮތީ ރަނގަޅަކަށް ނޫން. އަދިވެސް އޭގެން 300 މިލިއަން ނޫނީ 400 މިލިއަނަށް ވުރެ މަދު އަދަދެއް“
ނިޔާޒް ވިދާޅުވީ ކައުންސިލްތަކުގައި މަންމައާއި، ބައްޕައާއި، ކޮށްކޮއާއި ކައުންސިލްތަކުގައި ތިބި ނަމަވެސް އެއީ އިންތިހާބުވެފައިވާ މީހުން ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ ބަޖެޓުން ސިޔާސީ ވަޒީތަކަށް ފައިސާ ދެނީ އިންތިހާބަކަށް ނުބައްލަވާ އެއްވެސް އެޗެކަަށް ނުބައްލަވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

