ޓާގެޓެޑް ސަބްސިޑީ ތައާރަފު ކުރުމުގެ ވާހަކަތައް ދައްކާއިރު، ސަރުކާރުން މިހާތަނަށް ސަބްސިޑީ ދޭނީ ކޮން އުސޫލަކުންކަމާއި އެ ކެޓަގަރީތަކަކީ ކޮބައިތޯ ބެލުމަށް އެކުލަވާލި ދަފްތަރެއް ނުވަތަ ޕްލޭނެއް ނެތްކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރާ ގޮތުގައި ގާނޫނުއަސާސީއާއި ހިލާފަށެވެ.
ސަރުކާރަށް އަހަރެއްވުމާއި ގާތަށް ދިޔައިރު، މީކާއިލް ސުވާލު އުފެއްދީ މިހާތަނަށް ކުރެވުނު މަސައްކަތްތަކަށާއި، ނެރެވުނު ނަތީޖާތަކާއި މެދު އެވެ. އަދި މިއީ އެއްވެސް އޮއްޓަރެއް ނެތް ސަރުކާރެއްކަމަށް ސިފަކޮށް މީކާއިލް ވިދާޅުވީ 2024 ވަނަ އަހަރަށް ވުރެ ހަތް ބިލިއަން ރުފިޔާ ބޮޑު ބަޖެޓެއް ހުށަހަޅައިގެން ހަރަދު ކުޑަކުރުމަށް އަޅާފައި ހުރި ފިޔަވަޅެއް ފެންނަން ނެތްކަމަށެވެ.
ބަޖެޓު 2025 ގައި ހަރަދު މެނޭޖު ކުރުމުގެ ވާހަކައެއް ނެތްކަމަށާއި، ސިޔާސީ އެތައް މަގާމެއް އުފައްދާފައި އޮތުމުގެ ސަބަބުން ސަރުކާރުގައި ޖެހިފައި ވަނީ މަތިބަރު ސިފައެއްކަމަށް މެމްބަރު ވިދާޅުވި އެވެ. މީކާއިލް ތުހުމަތު ކުރެއްވި ގޮތުގައި މި ސަރުކާރުގައި ދެހާހަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އެބަތިއްބެވެ. އަދި މިއީ ކުރާނެ އެއްވެސް މަސައްކަތެއް ނެތި ހަމައެކަނި ގޮނޑި ހޫނު ކުރުމަށް ތިބި ބައެއްކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން މީކާއިލް ވިދާޅުވީ ޓާގެޓެޑް ސަބްސިޑީއަށް އޭނާ ތާއީދު ކުރާކަމަށާއި، އެހެން ނަމަވެސް އެކަމުގެ ޕްލޭނެއް ސަރުކާރުގެ ނެތްކަމަށެވެ. އަދި އަންނަ އަހަރު ކާބޯތަކެއްޗާއި، ކަރަންޓުން ސަބްސިޑީ ކަނޑާލާއިރު ދެން ކުރިޔަށް އޮތް ތަނުގައި މި ހިދުމަތް ދިނުމުގެ އުސޫލަކީ ކޮބައިކަން ސާފު ނުވާކަމަށެވެ.
ސަބްސިޑީތައް އެބަ ކަނޑާލާ.. ސަބްސިޑީތައް ކަނޑާލާއިރުގައި، ޓާގެޓް ސަބްސިޑީތަކަށް ދިއުމަކީ އަޅުގަނޑުމެން ތާއީދު ކުރާކަމެއް.. އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ.. ސަރުކާރަށް އަހަރެއް ލިބިގެން ހިނގައްޖެ.. ކަންކަން ރާވައި އިންތިޒާމު ކުރުމަށް އެހެން ނަމަވެސް ޓާގެޓެޑް ސަބްސިޑީތަކަށް ދިއުމަށް ސަރުކާރުގެ މި ކުއްލި މިސްރާބު.. އަނބުރާލާއިރު އެކަމަށް އެއްވެސް ރޭވުންތެރިކަމެއް ނެތް.. އެކަން ކުރާނެ ގޮތުގެ ޕްލޭނެއް ނެތް، މިހާތަނަށް ޓާގެޓެޑް ސަބްސިޑީ ދޭނެ ފަރާތްތައް ކަނޑައަޅާނެ ދަފްތަރެއްހާ މިނުން ވެސް ނެތް..
މީކާއިލް ވިދާޅުވީ މިހާހިސާބުން އޮތް ސުވާލަކީ، ސަބްސިޑީގެ ހިދުމަތް ހޯދުމަށް އާންމު ރައްޔިތުން ދެން ކުރަން ޖެހޭނެ މަސައްކަތް ކަމަށެވެ. އެއީ ސިޔާސީ ބައެއް ކައިރީ، ނުވަތަ އެ ދާއިރާއެއްގެ މެމްބަރު ގާތު ސަލާން ޖަހައިގެން ލިބޭ ހިދުމަތެއް ތޯ ވެސް މީކާއިލް ސުވާލު އުފެއްދި އެވެ.
މީގެއިތުރުން ބަޖެޓު ބަހުސްގައި މީކާއިލް ވިދާޅުވީ، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެ ބަހުސް ކުރަން ޖެހިފައި ވަނީ އެއްވެސް ތަފްސީލެއް ނޭނގޭ ބަޖެޓަކަށް ކަމަށެވެ.
ދައުލަތުގެ މުވައްސަސާތަކަށް ވެސް އެނގިތިބެ ކަނޑައެޅިގެން ގާނޫނާ ހިލާފު ބަޖެޓެއް.. ކަނޑައެޅިގެން ގާނޫނާ ހިލާފު ބަޖެޓެއް ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅޭ މިއީ ފުރަތަމަ ފަހަރު.. ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭ ގާނޫނުގައި ކަނޑައެޅިގެން ވަކިގޮތަކަށް، ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޭން ޖެހޭނެކަމަށް ބުނެ ގާނޫނުގައި، މިއީ އެއިރެއްގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން، އެއިރެއްގައި ހުންނަ ފިނޭންސް މިނިސްޓަރުގެ އަރިހަށް ކައުންސިލަކުން ކުރާ ޒިޔާރަތަކުން ކަނޑައެޅޭ އަދަދެއް ނޫންކަމަށް މި ރައްޔިތުންގެ މަޖިލީހުން ނިންމީ ވަރަށް މުހިންމު ބޭނުމަކަށްޓަކައި..
މީކާއިލް ވިދާޅުވީ މިއަދު ފެންނަނީ ގާނޫނާއި ހިލާފު އަދަދުތަކެއް ބަޖެޓުގައި ހިމަނާފައިވާ މަންޒަރުކަމަށެވެ. މިއީ ދުނިޔޭގެ އެހެން ގައުމެއްގައި ދިމާވި މައްސަލައެއް ނަމަ ފިނޭންސް މިނިސްޓަރު ވަގުތުން މަގާމުން އިސްތިއުފާ ދޭކަމަށާއި، އެހެން ނަމަވެސް ރާއްޖެއަކީ އާދަޔާ ހިލާފު ގައުމަކަށް ވާތީ ގޯހެއް ހެދުމުން އެކަމުގެ ޒިންމާ ނަގަން ބޭނުންވާ މަސްއޫލުވެރިން ނުތިބޭކަމަށް މީކާއިލް ވިދާޅުވި އެވެ.

