އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި މެދު އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ގޮތެއް ނިންމާ ގޮތަށް ސުންގަނޑި ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފި އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.
މި އިސްލާހުގައި ވަނީ ރާއްޖެ އެތެރެ ނުވެވޭ މީހުންގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ މީހުން، ޑުއަލް ޕާސްޕޯޓު ހިމެނޭ ގޮތުން ބޭން ކުރުމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށް ހުށަހެޅި އިސްލާހުގެ ދިރާސާ 241 ކޮމިޓީގައި ތާށިވެ، އެ މަސައްކަތުގެ ތަފްސީލެއް ނުލިބޭތީ މިފަހުން ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރި އެވެ.
ފަސް މަސް ފަހުން މައްސަލައިގެ ކޮމިޓީ މަރުހަލާ މިއަދު ފަށައި އޮތީ، ބޮލިގެ މަސައްކަތް ނިންމުމަށް ސުންގަނޑި ކަނޑައެޅުމެވެ.
ބައްދަލުވުމުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހަށް މަސައްކަތް ނިންމަން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނެވެ. އޭނާ ވިދާޅުވީ މިއީ ވަރަށް ހައްސާސީ މަސައްކަތެއްކަމަށާއި، އެހެންކަމުން ވަރަށް ގިނަ ބަޔަކާއި އެކު މަޝްވަރާކޮށް ހޯދަން ޖެހޭ ފަންނީ ލަފާ ހުރިކަމަށް ގަބޫލު ކުރާކަމަށެވެ. އަދި މިއީ އެމްޑީޕީން ސިޔާސީ މަގްސަދެއް ހާސިލު ކުރުމުގެ ނިޔަތުގައި ހުށަހެޅި ބިލެއްކަމަށް ވެސް ސިފަކުރި އެވެ.
ހަންނާނު ވިދާޅުވީ މަޖިލީހުގައި މިވަގުތު އޮތީ ބަޖެޓުގެ މަސައްކަތްކަމަށާއި، އެއަށް ފަހު މެމްބަރުން ދެ މަސް ދުވަހުގެ ވުއްޓީއަކަށް ވެސް ދާން އޮތުމާއި އެކު ބިލަށް އިތުރު ވަގުތު ބޭނުންވާނެކަމަށެވެ.
ކޮމިޓީގައި ވާހަކަ ދެއްކެވި ސަރުކާރުގެ މެމްބަރުންގެ ހިޔާލަކީ ވެސް އެއީ އެވެ. އެގޮތުން އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދާއި މިނިވަންކަމާއި ވެސް ގުޅިފައިވާ ނިންމުމަކަށް ވާތީ ސިޔާސީ ނަޒަރަކުން އެކަނި ބަލައިގެން ބިލުގެ ކަންކަން ކުރިޔަށް ގެންދެވެން ނެތްކަމަށެވެ. އެހެންވެ ޝާހިދު ހުށަހެޅީ އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ބަދަލުގައި، ސިޔާސީ ގޮތުން އަންނަ ފާޑުކިއުމަކަށް ނުބަލައި ވިސްނުންތެރިކަމާއި އެކު ވަގުތު ނަގައިގެން ގޮތެއް ކަނޑައެޅުމަށެވެ.
ޝާހިދު ވިދާޅުވީ ޕާސްޕޯޓު މައްސަލައިގައި ސިޔާސީ ޕާޓީތަކުގެ އިތުރުން އިގްތިސާދީ މާހިރުންނާއި އިންވެސްޓަރުންގެ ވިސްނުން ހުރި ގޮތް ވެސް ބަލަން ޖެހޭކަމަށެވެ.
އިޒްރޭލު ޕާސްޕޯޓުގެ މަސައްކަތް ކުރިޔަށް ނުދާކަމަށް ބުނެ، ނުރުހުންފާޅުކޮށް އެ މައްސަލައިގައި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުން ތަޅުމަށް ކުއްލި މައްސަލަތައް ހުށަހަޅައި ބަޔާންތައް ވެސް އާންމުކޮށްފައި ވެއެވެ.

