ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަޢާރަފުކުރި އައު މަޝްރޫޢުތަކާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ”ޓްރާންސްފޯމިންގ ޓުމޯރޯ: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކީ ޕްރޮޖެކްޓްސް“ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޟުލް ވިދާޅުވީ، އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތަކުގެ ތަރައްޤީއަށް، ދުރުރާސްތާ ޕްލޭނަކާއެކު އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ދަށުން 16 މަޝްރޫޢެއް އިފްތިތާޙުކުރެވިފައިވަނީ ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށް ކަމަށެވެ.
މި މަޝްރޫޢުތަކާއެކު ޤައުމުގެ އިޤްތިޞާދީ އަދި ތަރައްޤީގެ ފެންވަރު މަތިވެގެންދާނެ ކަމަށް ފަޟުލް ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އިތުރު ފަސޭހަތަކާއި ފުރުޞަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، އިފްތިތާޙުކުރެވުނު މަޝްރޫޢުތަކުގެ ސަބަބުން އެކި ދާއިރާތަކުގެ ވިޔަފާރިވެރިންނަށް ފަހި ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެޗްޑީސީއިން އިފްތިތާޙުކުރި މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ހައުސިންގގެ މަސައްކަތްތަކާއި، ވިޔަފާރީގެ ދާއިރާ އަދި މުނިފޫހިފިލުވުމުގެ ދާއިރާއަށް އަމާޒުކޮށްފައިވާ ތަފާތު މަޝްރޫޢުތަކެއް ކަމަށް ފަޟުލް ވިދާޅުވިއެވެ. މި މަޝްރޫޢުތަކަކީ ހުރިހާ ދާއިރާއަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން ރޭވިފައިވާ މަޝްރޫޢުތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ހައުސިންއަށް ބެލިކަމުގައި ވިއަސް، އަދި އޭގެ އިތުރުން ވިޔަފާރި ރޮނގުން ހުރި ފުރުސަތުތަކަށް ބެލިޔަސް، އެންޓަޓެއިންގެ މަގުން ހުރި ފުރުސަތުތަކަށް ބެލިޔަސް މީގެ ކޮންމެ ކަމެއް އަޅުގަނޑުމެން ތަރުތީބު ކޮށްފައިވާނެ “ ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވަނީ ރަސްމާލެ ޕްރޮޖެކްޓާ ގުޅޭގޮތުން ޚާއްޞަ އިޝާރާތެއް ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރަސްމާލެ ޕްރޮޖެކްޓަކީ ކުރިމަގުގެ ޖީލުތަކަށް މަންފާކުރާނެ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން 65,000 ހައުސިންގ ޔުނިޓާއި 350 އާ ކައިރި އަދަދެއްގެ އެހެނިހެން ޔުނިޓްތައް ތަރައްޤީކުރުމަށް އަމާޒުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ވަގުތީގޮތުން މެދުކެނޑުމަކަށް އައުމަށްފަހު، މިހާރު އަލުން ފަށައިގަނެވިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެއިތުރުން، ރަސްމާލެ ޕްރޮޖެކްޓަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށްވާތީ، މި ވަޢުދުފުޅު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކޮށްދިނުމަށްޓަކައި، އެޗްޑީސީގެ މުވައްޒަފުންނާއެކު ދެމިހުންނަވާނެކަމުގެ ޔަޤީންކަން ފަޒުލް ދެއްވާފައިވެއެވެ.

