ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މި މައްސަލައިގައި ދައުވާ އުފުލާފައިވާ ޙަސަން މަމްދޫޙު (މަންޑޭ) ގެ އެޕާޓްމަންޓް ހިފެހެއްޓުމުގެ އަމުރާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
މަމްދޫޙުގެ އެޕާޓްމަންޓް ހިފެހެއްޓުމުގެ އަމުރު ހުޅުމާލޭ ކޯޓުން މީގެ ކުރިން ނެރެފައިވާއިރު، އެ އަމުރަކީ 1 އަހަރު ދުވަހުގެ މުއްދަތަކަށް އެޕާޓްމަންޓް ހިފެހެއްޓުމަށް ނެރުނު އަމުރެކެވެ. އަދި އެ އަމުރުގެ މުއްދަތު ހަމަވަނީ 15 ނޮވެމްބަރު 2024 (މާދަމާ) އެވެ.
އެ އެޕާޓްމަންޓަކީ މަމްދޫޙުގެ މައްޗަށް ކުރާ މަނީ ލޯންޑަރިން ގެ ދައުވާއާ ގުޅިގެން ދައުލަތަށް ނަގައިދިނުމަށް އެދިފައިވާ މުދަލެއްކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން އެ އެޕާޓްމަންޓުގެ އަގަކީ 7.8 މިލިއަން ރުފިިޔާ ކަމަށާއި، އެޕާޓްމަންޓަށް ފައިސާ ދައްކާފައިވަނީ ކޭޕާކް ފްލެޓު ގަތުމަށް މީހުން ދިން ފައިސާގެ ބޭނުން ހިފައިގެން ކަމަށް ދައުލަތުން ކުރި ދައުވާތަކުގައިވެސް ހިމެނިފައިވާނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެހެންކަމުން ދައުލަތުން ވަނީ މި މައްސަލައިގެ ޝަރީއަތް ނިމެންދެން އެ އެޕާޓްމަންޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ. ދައުލަތުން އެދެނީ ފުލުހުންގެ ބެލުމުގެ ދަށުގައި އެޕާޓްމަންޓް ބެހެއްޓުމުގެ އަމުރެއް ނެރެެދެއްވުމަށެވެ.
އެކަމާ ގުޅިގެން ދިފާއީ ވަކީލު ވިދާޅުވީ، ހުޅުމާލޭ ކޯޓުން މީގެ ކުރިންް 1 އަހަރު ދުވަހުގެ އަމުރެއް ނެރުއްވިއިރު، އެޕާޓްމަންޓާ ގުޅިގެން މުއާމަލާތްތައް ކުރުން ހުއްޓުވުމުގެ އަމުރެއްވެސް ނެރެފައިވާ ކަމަށެވެ. މިހާތަނަށް އެ އަމުރަށް އަހަރެއްވެގެންދާއިރު، މުދަލަށްވެސް އަދި މުދަލުގެ ވެރިފަރާތަށްވެސް އެކި ކަހަލަ ގެއްލުންްތައް ވަމުންދާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އަދި އެޕާޓްމަންޓް ހިފަހައްޓާފައި ހުރުމުން އިޔާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ވަމުންދާކަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ.
މަމްދޫޙުގެ ދިފާއީ ވަކީލު ވަނީ މިއީ ދައުލަތުން ޒާތީ ކަމެއްގެ ގޮތުގައި ކުރަމުންދާ ކަމެއްކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން މި މައްސަލައިގެ ތަހުގީގުވެސް އެއް ފަރާތަށް ބުރަވެގެން ކުރިއަށް ގެންގޮސްފައިވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.
އެހެންކަމުން މަމްދޫޙުގެ ދިފާއީ ވަކީލު ވަނީ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އެޕާޓްމަންޓް ޙަވާލުކޮށްދިނުމުގެ އަމުރެއް ނެރެެދެއްވުމަށް އެދިލައްވާފައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ. ގާޒީ ވަނީ ޝަރީއަތް ނިމެންްދެން އެޕާޓްމަންޓް ހިފަހައްޓާނަމަ އެ މުއްދަތުގައި އެޕާޓްމަންޓް ބެލެހެއްޓުމުގެ ކަންކަމާއި އެކަމުގެ ޚަރަދު ބަލަހައްޓާނީ ކޮން ފަރާތަކުންތޯ ސުވާލު ކުރައްވާފައެވެ.
އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، މިހާރު ޤާނޫނުގައި އޮތީ އެސެޓް (މުދާ) ދައުލަތަށް ނަގާ ހިސާބުން ދެން އެއާމެދު ކަން ކުރަން އޮންނަ ގޮތް ކަމަށާއި، ވަގުތީ ފިޔަވަޅު އަޅާފައިވާ ޙާލަތުގައި އަމަލު ކުރަންވީ ގޮތުގެ ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. ޤާނޫނު ތަންފީޒުކުރާ އިދާރާއަށް އެ މުދަލެއް ބެލެހެއްޓުމަށް ޚަރަދު ކުރެވިދާނެކަމަށް ބެލެވޭ ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގައި ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ މައްސަލައިގެ ޝަރީއަތުގެ މަރުޙަލާ ނިމެންދެން މަމްދޫޙުގެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުމަށެވެ.

