ށ. ފުނަދޫ ދައްފަޅުގައި ޓޫރިސްޓް ހޮޓަލަކާއެކު އީކޯ ޕާކެއް ތަރައްޤީ ކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
ފުނަދޫ ކައުންސިލުން ބުނީ ދައްޕަޅު ތަރައްގީ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިގުތިސާދީ ނަފާ ހޯދުމުގައި ގުދުރަތީ މުއްސަނދިކަން ރައްކާތެރި ކޮށް، ހިމާޔަތްކުރެވި ދެމެހެއްޓެނިވި ގޮތެއްގައި އެ ސަރަޙައްދު ބޭނުންކުރެވޭނެ ގޮތް ހެދުން ކަމަށެވެ.
އެ ރަށު ކައުންސިލުން މިހާރު ވަނީ އެ ރަށުގެ ދައްފަޅުގައި މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ސާރވޭގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފައެވެ. އަދި މިމަހުގެ 24 ގެ ނިޔަލަށް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
ފުނަދޫ ކައުންސިލުން ބުނެފައިވަނީ މިމަސައްކަތް ބަޔަކާއި ހަވާލު ކުރުމަށް ނިންމައިފައިވަނީ ކޮންޓްރެކްޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަންޖެހޭގޮތަށްކަމަށެވެ.
ށ. ފުނަދޫގެ ދައްފަޅަކީ އެ ރަށުގެ ވަރަށް މުހިންމު ބައެކެވެ. މި ފަޅަކީ ގުދުރަތީ ރީތިކަމެއް ލިބިފައިވާ ސަރަހައްދެކެވެ. ދައްފަޅު ސަރަހައްދަކީ އެ ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤުބޫލު ސަރަހައްދެކެވެ. އަދި މި ފަޅަކީ ރަށުގެ އިޤްތިޞާދަށާއި، ތިމާވެށްޓަށް އަދި ސަޤާފަތަށްވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ.

