ސަރުކާރުން އިއުލާނުކޮށްފައިވާ ހައުސިންގ ލޯނު ސްކީމްގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ބައިވެރިކުރުމަށް ނިންމައިފިއެވެ.
އެކަމާ ގުޅޭ ތަފްސީލު ހިއްސާ ކުރައްވަމުން ހައުސިން މިނިސްޓަރ އަލީ ހައިދަރު ވިދާޅުވީ، ސަރުކާރުން އިއުލާނުކޮށްފައިވާ ހައުސިންގ ލޯނު ސްކީމްގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ބައިވެރިކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހައުސިންގ ލޯން ސްކީމްގެ ހުރިހާ ދާއިރާއަކުންވެސް މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުރުސަތުު ހުޅުވާލެވިފައިވާކަން މިނިސްޓަރ ހައިދަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެ ފުރުސަތު ހުޅުވާލާފައިވަނީ އިޤްތިސާދީ މަސައްކަތުގައިި ޙަރަކާތްތެރިވާ އެެކި ދާއިރާތައްވެސް މި ސްކީމްގައި ޝާމިލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.
ވަކިން ޚާއްސަކޮށް ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ބައިވެރިކުރުވުމަކީ ސަރުކާރުން ރާވާފައިވާ ގޮޮތްކަަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ސަރުކާރުގެ ހައުސިންގ ލޯން ސްކީމުގައި ބައިވެރި ކުރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، އެހެން ސިނާއަތްތަކާ ޚިލާފަށް މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު، އުޖޫރަލިބޭ ގޮތުގެ ސަބަބުންވެސް މަސްވެރިންނަށް ބައެއް ގޮންޖެހުންތައް ހުންނަކަން މިނިސްޓަރ ހައިދަރު ފާހަގަ ކުރެއްވިއެވެ.
ހައުސިންގ ލޯނު ދޫކުރުމަށް ސަރުކާރުން އިފްތިތާޙުކޮށްފައިވާ ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަކީ ބޯހިޔާވަހިކަމުގެ ދަތިތައް ޙައްލުކުރުމަށް ހުޅުވާލެވޭ މުހިންމު ދޮރޯއްޓެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ސްކީމްގައި 3 ގިންތިިއެއްގެ މާލީ ވަސީލަތް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެއީ 1 މިލިޔަން ރުފިޔާއާ ހަމަޔަށް އަތޮޅުތަކަށް ދޫކުރާ “ހިޔާވެހި ރަށްވެހި ވަސީލަތާއި”، 3 މިލިޔަން ރުފިޔާއާ ހަމަޔަށް ސަރުކާރުން ކަނޑައަޅާފައިވާ އާރބަން ސެންޓަރުތަކަށް ދޫކުރ،ާ “ހިޔާވެހި ސަހަރު ވަސީލަތާއި ” އަދި 6 މިލިޔަން ރުފިޔާއާ ހަމަޔަށް ފުރަމާލެއަށް ދޫކުރާ “ހިޔާވެހި ފުރަމާލެ ވަސީލަތެވެ.”

