ޤާނޫނު ތަންފީޒު ކުރުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފައިވާ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ޢާންމުކުރެއްވި ވީޑިއޯއެއްގައި، ޝަމްޢާން ވިދާޅުވެފައިވަނީ އިމިގްރޭޝަނަށް ޢާންމުންގެ އިތުބާރު ލިބިގެން ދިޔައީ ޤާނޫނުތައް ތަންފީޛު ކުރުމަށް ފުރުޞަތު ދެއްވުމުގެ ސަބަބުން ކަމަށެވެ. އިތުރަށް ޝަމްޢާން ފާހަގަކުރެއްވި ގޮތުގައި، ކުރީގައި އިމިގްރޭޝަން އޮފިސަރުން ޔުނިފޯމާއެކު މަގުމަތީގައި އުޅުނު ނަމަވެސް، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އެކަމަށް ޖެހިލުންވެފައި ނުވެއެވެ. ނަމަވެސް، މިހާރު އިމިގްރޭޝަން އޮފިސަރުން ފެނުމުން ބިދޭސީން ފިލަން އުޅޭ މަންޒަރު ފެންނަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ އަޅުގަނޑުމެން ޔުނިފޯމުގައި ކުރިން އޮފިސަރުން މިހެން މަގުމަތީގައި ނޫނީ އަޅުގަނޑުމެން އޮފީސްތަކަށް ދާއިރު، ބިދޭސީން ޤަވައިދާ ޙިލާފަށް އުޅޭ ބިދޭސީން ޖެހިލުމެއް ނުވާނެ، އެހެން ނަމަވެސް މިއަދު އަޅުގަނޑުމެން އޮފިސަރަކު ފެނުނީމަ، ދުވެ ފިލާތަން އަޅުގނަޑުމެން ލޮލުން އެބަ ފެނޭ “ ޝަޢްމާން ވިދާޅުވިއެވެ.
އިމިގްރޭޝަން ކޮންޓްރޯލާއި ހަވާލުވި ފަހުން އެންމެ ބޮޑަށް އިސްކަމެއް ދެއްވާފައިވާނީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ކަމަށް ޝަމްޢާން ވިދާޅުވިއެވެ. އަދި އަދުގެ ސަރުކާރުގައި ރައީސް ޑރ. މުއިއްޒު ހުރިހާ ޤާނޫނީ ތަންފީޒީ އިދާރާތަކަށް ޤާނޫނު ތަންފީޒު ކުރައްވަން ދެއްވި އޮތޯރިޓީގެ ސަބަބުން، އިމިގްރޭޝަން އޮފިސަރުންނަށް ރައްޔިތުންގެ އިތުބާރު އަބުރާ ލިބިގެން ދިޔަ ކަމަށް ވަނީ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަމްޢާން ވިދާޅުވީ، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މަސައްކަތްތައް ބައްޓަން ކުރެވިފައިވަނީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖޭގެ އަތޮޅުތަަކަށް ޒިޔާރަތް ކޮށްފައިވާނެ ކަމަށް ޝަމްޢާން ވިދާޅުވިއެވެ. އަތޮޅު ތަކުގެ ތެރެއިން އެ މަސައްކަތް ފަަށާފައިވާނީ ، ކ. ގުރައިދޫގައި ކަމަށާއި، އެ ރަށުގައި ޤަވައިދާ ޙިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

