އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުހުގެ މަރުގެ މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށް، ދައުވާ އުފުލާފައި ވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ ޝަރުތުތަކެއްގެ ދަށުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން ދައުލަތުން އެ ނިންމުން ހައިިކޯޓުުގައިި އިސްތިއުނާފުކޮށްފިއެވެ.
ދައުލަތުން އެ ނިންމުން އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން އަދި މި މައްސަލަ ބަލައިގަތުމާމެދު ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ލަމްހާ ބަންދުން ދޫކޮށްލީ ފުރުން މަނާކޮށް އިތުރު 6 ޝަރުތަކާއެކުއެވެ. އޭގެ ތެރޭގައި ބަންދުން ދޫކޮށްލާފައިވާ މުއްދަތުގައި އިތުރު ކުށަކަށް އަރައިނުގަތުމާއި، ކޯޓު އަމުރުތަކާ އެއްގޮތަށް ކޯޓަށް ހާޒިރުވުމާއި، މާލެސިޓީން ބޭރަށްދާނަމަ ކޯޓުގެ ހުއްދަ ނެގުމާއި، ހެކިބަސް ދޭނެކަމަށް ބެލެވޭ މީހުންނާ މުއާމަލާތު ނުކުރުމާއި، ގެއިން ބޭރަށްދާއިރު ފުލުހުންގެ ހުއްދަ ހޯދުމާއި، ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުން ހިމެނެއެވެ.
މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތުހުމަތު ކުރެވި، އޭނާ ހައްޔަރުކޮށް ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. މި މައްސަލައިގައި ލަމްހާގެ މައްޗަށް ދައުވާ އުފުލީ 2021، އޮކްޓޯބަރު މަހުގެ ތެރޭގައި ޝަރީއަތް ފެށުމަށް ފަހު ލަމްހާގެ އެންމެ ބޮޑު ޝަކުވާއަކީ އަޑުއެހުންތައް ރަނގަޅު ސްޕީޑެއްގައި ކުރިޔަށް ނުދިއުމެވެ.

