ރައްުޔިތުން ފެލާލައިގެން ހަރަދުކުރާއިރު، ކުރަމުންދާ ހަރަދާއި ގުޅޭގޮތުން ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދޭންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި 2025 ވަނަ އަހަރުގެ ބަޖެޓާއި މެދު ވާހަކަދައްކަވަމުން މެމްބަރު އަމީންވަނީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ މަސައްކަތްތަކާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ބަޖެޓުގައި ތަފްސީލުތަކެއް ނެތްކަމަށް އިޝާރާތްކުރައްވާ އަމީން ވިދާޅުވީ، ޖުމްހޫރީ ދުވަހުގައި ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ވެރިކަމަކީ އަމާނާތެއްކަމަށާއި ޒިންމާއެއްކަމަށް ބަޔާންކުރައްވާފައިކަމަށެވެ. އަދި އެމަނިކުފާނު ދެއްކެވީ ވަރަށް ބޮޑު ތެދުފުޅެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަމީން ވިދާޅުވީ، ރައްޔިތުންގެ ވޯޓުން ހޮވާ ކޮންމެ މީހަކުވެސް ހަވާލުވަނީ ވަރަށް ބޮޑު ޒިންމާއަކާއިކަމަށެވެ. އޭނާ ވިދާޅުވީ، ހަވާލުވެވެނީ އަމާނާތަކާއިކަމަށާއި މާ ބޮޑު އިއްޒަތެއް އަދި އެހެން އެއްޗަކާއި ނޫންކަމަށެވެ. އެހެންކަމުން ބަޖެޓާއި ގުޅޭގޮތުން ރައްޔިތުން ކުރަމުންދާ ސުވާލުގެ ޖަވާބެއް ބޭނުންވެވަޑައިގަންނަވާކަމަށާއި އެ ޖަވާބު ބަޖެޓު ފޮތުން ލިބެން ނެތްކަމަށެވެ.
އަމީން ވިދާޅުވީ، ޅެމެއްގެ މާނަ ޅެންވެރިޔާގެ ބަނޑުގައި އޮންނަހެން ބަޖެޓުގައި ޕީއެސްއައިޕީގެ ގޮތުގައި ހިމަނާފައިވާ ކަންކަމުގެ ތަފްސީލުތައް އޮތީ މާލީ ވަޒީރުގެ ބަނޑުގައިކަމަށެވެ. އެހެންކަމުން މިއީ މަޖިލީހުގައި ބައެއް މެމްބަރުން ސިފަކުރަމުންދާފަދަ އުންމީދީ ބަޖެޓެއް ނޫންކަމަށާއި ރަށުގެ ތަރައްގީއަށް އޮތް ކަންކަން ރައްޔިތުންނަށް އެނގެންޖެހޭކަމަށެވެ. މެމްބަރު ވިދާޅުވީ، އެކަންކަން ރައްޔިތުންނަށް ފޮރުވާފައި ނުބޭއްވޭނެކަމަށާއި ދައްކަމުންދަނީ ރައްޔިތުންގެ ފައިސާގެ ވާހަކަކަމަށެވެ.
2025 ވަނަ އަހަރު އެންމެ ބޮޑު އާމްްދަނީއެއް ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ ރައްޔިތުން ދައްކާ ޓެކްސްއިންކަމަށްވެސް މެމްބަރު ފާހަގަކުރެއްވިއެވެ. އަމީން ވިދާޅުވީ، ކުރުގޮތަކަށް ދަންނަވާނަމަ ރައްޔިތުން ފެލާލައިގެން އާމްދަނީ ހޯދާއިރު ކުރަމުންދާ ހަރަދާއިމެދު ރައްޔިތުން ސުވާލުކުރުމުން ޖަވާބު ލިބެންޖެހޭކަމަށެވެ. އަދި ކުންފުންޏެއް ހިންގާ ގޮތަށް ގައުމު ހިންގުމުން އެއީ ނުރަނގަޅު ކަމެއްކަމަށެވެ.

