ހުޅުމާލޭގައި ކާރެއް ތެރޭ ދިވެހި ފިރިހެނަކު ރަހީނު ކުރި މައްސަަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި މިކަން ހިނގާފައިވަނީ ނޮވެމްބަރ 11 ވަނަ ދުވަހުގެ ރެޔެވެ. އެގޮތުން ފުލުހުން ބުނީ ހުޅުމާލެ އޯކިޑްމާ ހިނގުމުގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކާ އަދި އެމީހާގެ އާއިލާ މީހުންނަށް ގުޅާ ފައިދާއަށް ޑިމާންޑް ކުރިކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެހެންނަމަވެސް އެމީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ އެންމެންވެސް މިއަދު ބަންދުން ދޫކޮށްލާފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

