ތައިލެންޑާއި ޔޫއޭއީއިން ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބެން ފަށާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ތައިލެންޑާއި ޔޫއޭއީއިން އާސަންދައިގެ ޙިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެކަމަށް ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގައި ޗައިނާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާސްނަދައިގެ ދަށުން ބޭސްފަރުވާ ކުރެވެނީ މަދު ގައުމަކުން ކަމަށާއި އެކަން ބަދަލުކޮށް މި ހިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، ރައީސްގެ ވައުދާ އެއްގޮތަށް ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ހީނާ ވަނީ ދެއްވިއެވެ. ހީނާ ވިދާޅުވީ އެކަމާ ގުޅޭ މަސައްކަތް ކުރިއަށް ގެންގޮސް ދެ ގައުމުގެ ހޮސްޕިޓަލްތަކާއެކު މަޝްވަރާކޮށް، ކުރިއަށް ދެވޭނެ ގޮތެއް ހޯދާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ އިތުރު ތަފުސީލާއި ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުނިން ކުރި ހޭދަ 838 މިލިއަން ރުފިޔާއަށް އަރައެވެ. ދެވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން 823 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައިވެއެވެ. ތިންވަނަ ކުއާޓަރުގައި އާސަންދަ ސްކީމުގެ ދަށުން 903 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަހަރުގެ މިހާތަނަށް އާސަންދައިން ޖުމުލަ 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައިވެއެވެ.

