މާލޭގެ މަސްމާރުކޭޓް ސަރަހައްދުގައި ބިދޭސީން ކޮންޓްރޯލް ކުރަމުންދިޔަ ބޯޓުތައް ބަލައި ފާސްކޮށް 39 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިއަ މަސް ބޯޓުތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީ ޓާސްކު ފޯހުން މިއަދު މި ސަރަހައްދުގައި އަޅާފައިވާ މަސް ބޯޓުތައް ބަލައި ފާސްކޮށް 39 މީހަކު އިމިގްރޭޝަންގެ ބަންދަށް ގެނެވިފައިވާ ކަަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން މަސައްކަތްތައް ފަށާފައިވާއިރު، މި އޮޕަރޭޝަންގައި މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އަދި މި ނޫންވެސް އިދާރާތައް ގުޅިގެން ދަނީ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4،054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ގައުމަށް ފޮނުވާލާފައެވެ. މިގޮތުން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.

