ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާނާއި ޔާމީނުގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި މުއާޒްގެ ފަރާތުން ބަދަލު ހޯދަން ހުށަހެޅި މައްސަލަ ސިވިލް ކޯޓުުން ބޭރު!

ސިވިލް ކޯޓު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ރަހީނުކޮށް ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި ތުހުމަތުކޮށް ޝަރީއަށް ނިމެންދެން ބަންދުކުރި އަޙުމަދު މުއާޒްގެ ފަރާތުން މަރު ކޮމިޝަނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެކަމަށް ސިވިލް ކޯޓުންް ނިންމައިފިއެވެ.

މި މައްސަލައިގައި މުއާޒް ހިމެނޭހެން ތިން މީހަކަށް ދައުވާ އުފުލީ މަރު ކޮމިޝަނުން ތަހުގީގުކޮށް ހުށައެޅި މައްސަލަތަކާއި ގުޅިގެންނެވެ. އެގޮތުން އަހުމަދު މުއާޒްގެ މައްޗަށް ދައުލަތުން އުފުލީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އެހެންނަމަވެސް މި މައްސަލައިގައި އުފުލި ދައުވާތައް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އެހެންވެ މި މައްސަލަ ކޯޓުން ބޭރުކޮށްލާފައިވަނީ އެމީހުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތައް ކުރިއަށް ގެންދެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެއެވެ.

އެ ދައުވާތަކާ ގުޅިގެން 26 ޖޫން 2022ން ފެށިގެން 21 ނޮވެމްބަރު 2023 އާ ހަމައަށް އޭނާ ހުރީ ހައްޔަރުކޮށް ބަންދުކޮށްފައެވެ. އެހެންވެ އޭނާގެ ފަރާތުން ބަދަލު ހޯދުން އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީއެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ: 5 މިލިއަނާ ގާތްކުރާ ވަރުގެ ބަދަލެއް ހޯދުމަށް އެދިފައިވޭ

އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިިގައި ބުނެފައިވަނީ، މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މަރު ކޮމިޝަނުން ރަނގަޅު ނިޔަތެއް ނެތި ހިންގާފައިވާ ތަހުގީގަކަށްފަހު ކަމަށާއި، އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެއްވެސް އަސާސެއް ނެތި މަރުކޮމިޝަނުން އެދިގެން ކަމަށެވެ.

އެހެންވެ އޭނާ ވަނީ އެ މުއްދަތުގައި ޖަލުގައި އެކަހެރިކޮށް ބަހައްޓާފައިވުމުގެ ސަބަބުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 4،451،195.25 (ހަތަރު މިލިއަން ހަތަރުލައްކަ ފަންސާސް އެއްހާސް އެއް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ ފަންސަވީސް ލާރި) އަދި އެގްޒަމްޕްލަރީ ޑެމޭޖަސް (ޤާނޫނާ ޚިލާފަށް ބަންދު ކުރުމުން ތައުދީބީ އަދަބެއްގެ ގޮތުގައި) 500،000 (ފަސްލައްކަ ރުފިޔާ) ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި، ކޮމިޝަން އަދި ފަރުދީ ގޮތުން ކޮމިޝަނުގެ މެމްބަރުން ކަމުގައިވާ ފަރީޝާ އަބްދުﷲ، މިސްބާޙް އައްބާސް އަދި އަހުމަދު ނާޝިދުގެ ކިބައިން ހޯދުމަށް އެދި މައްސަލަ ހުށަހަޅާފައެވެ.

މަރު ކޮމިޝަން ވަނީ އުވިފައި، ޕީޖީ އޮފީހަށް ޤާނޫނީ ހިމާޔަތް ލިބިފައިވޭ: 

އެހެންނަމަވެސް މި މައްސަލައިގެ ދައުވާލިބޭ ފަރާތްތަކުން ވަނީ މައްސަލަ ބެލުމާމެދު ކޯޓުގެ އިޙްތިސާސާމެދު ސުވާލު އުފައްދައި އިއުތިރާޒެއް ހުށަހަޅާފައެވެ. އެ އިއުތިރާޒުގައި ބުނެފައިވަނީ، ދައުވާ ރައްދު ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާނަމަ، މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށެވެ. އެކަން ބަޔާން ކުރުމަށް ޤާނޫނީ މާއްދާތަކާއި މަތީ މަރުޙަލާގެ ކޯޓުުތަކުގެ ނިންމުންތައްވެސް ދައުލަތުގެ ފަރާތުން ހުށަހެޅިއެވެ.

ދައުވާ ރައްދުވާ ފަރާތްތަކުން (ދައުލަތުން) ބުނެފައިވަނީ މަރު ކޮމިޝަނަކީ މިހާރު އުވިގެން ގޮސްފައިވާ އިދާރާއަކަށްވާތީ، ކޮމިޝަނުގެ މައްޗަށް ރައްދުވާ ގޮތަށް މި ދައުވާ ކުރިއަށް ނުގެންދެވޭނެކަމަށެވެ.

އޭގެ އިތުރުން، ކޮމިޝަނުގެ މަސްއޫލިއްޔަތާއި ބާރުގެ ބޭނުން ޤާނޫނާ ޚިލާފަށް ކޮށްފައިވާ ކަމުގެ ނުވަތަ ނުނިޔަތެއްގައި މަސައްކަތް ކޮށްފައިވާކަމުގެ އެއްވެސް ހެއްކެއްވެސް ނެތްކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މިއީ ކޯޓުން ބެލިދާނެ މައްސަލައެއް ނޫންކަމަށް ދައުލަތުން ދެކެއެވެ.

މި މައްސަލައިގައި ދައުވާލިބޭ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުންވެސް ކޯޓުގެ އިޙްތިސާސާމެދު އިއުތިރާޒުކޮށްފައިވެއެވެ. އެގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ، އެ އިދާރާއަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ހިމާޔަތް ލިބޭ އޮފީހެއް ކަމަށެވެ. އަދި އެ އޮފީހުން ރަސްމީ ޙައިސިއްޔަތުން، ހެޔޮ ނިޔަތުގައި ކުރާ ކަމަކާމެދު، އަދި ނުކޮށް ދޫކޮށްލާ ކަމަކާމެދު އެއްވެސް ޖިނާއީ ނުުވަތަ މަދަނީ ދައުވާއެއް ނުއުފުލޭނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

އެހެންކަމުން މި މައްސަލައިގައިި ހުށަހެޅިފައިވާ ދައުވާގެ ތަފްސީލަށް ބަލާއިރު، ޕީޖީ އޮފީހަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ދައުވާ ލިބިގަތުމުގެ ޙައިސިއްޔަތު އޮތް ފަރާތެއް ނޫންކަމަށް އެ އޮފީހުން ހުށަހެޅި އިއުތިރާޒުގައިވެސް ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ދައުވާކުރާ އަދި ދައުވާލިބޭ ފަރާތްތަކުން ފާހަގަކުރި ކަންކަމަށް ރިއާޔަތްކޮށް ސިވިލް ކޯޓުންވެސް ނިންމާފައިވަނީ މި ދައުވާއަކީ ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށެވެ.

ސިވިލް ކޯޓުުގައި މި މައްސަލަ ނިންމެވީ ގާޒީ އަބްދުﷲ އިޙްސާންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: