އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންތަކެއް ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީން އެގޮތަށް ފާސްކޮށްފައިވަނީ އާދިއްތަ ދުވަހު ކުރިއަށް ދިޔަ ސިއްރު ކޮމިޓީ ބައްދަލުވުމެއްގައެވެ.
ކޮމިޓީން ނިންމާފައިވަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އަދި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު ވަކި ކުރުމަށެވެ. އެއީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ހ. އަދި ށ. އާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ލިބިފައިވާ ދެ މައްސަލައަކާ ގުޅިގެންނެވެ.
އޭގެ އިތުރުން، އީސީގެ ނައިބު ރައީސް އަލީ ނަޝާތުއާއި، ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެ އިތުރުން، މެމްބަރު މުހައްމަދު އާސިފް ވަކި ކުރުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
މި މައްސަލަ ހުށަހެޅިފައިވާކަން ބަޔާންކޮށް އެކަން ރިޔާސަތުން މީގެ ކުރިން އޮޮތީ އިއުލާނު ކޮށްފައެވެ. އޭރު ރިޔާސަތުން ބުނެފައިވަނީ، މިނިވަން މުއަސަސާތަކާ ބެހޭ ކޮމިޓީގެ ސިޓީގައިވާ ގޮތުން އެ ހަ ބޭފުޅުން ވަކިކުރުމަށް ހުށަހަޅާފައި އޮތީ، ނުފޫޒަށް ލެނބުމާއި ސުލޫކީ މިންގަނޑުތަކާ ހިލާފުވެފައިވާތީއެވެ.
މީގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު ވަކިކުރުމުގެ މައްސަލައިގައި އާދިއްތަ ދުވަހު ކޮމިޓީން ނިންމާފައިވަނީ ނާސިހު ވަކިނުކުރުމަށެވެ.

