ދިލްބަހާރުމަގު މއ. މަސްފަން ގެޔަށް މީހަކު ވައްދައި ވަޅިން ބިރު ދައްކާ އޮރިޔާންކޮށް، އަނިޔާކޮށް އޭނާގެ ފޯނު އަތުލައި ފޭރުނު މައްސަލަ ސާބިތުވެއްޖެއެވެ.
މި މައްސަލައިގައި ތުހުމަތުވާ މީހުން ވަނީ އަނިޔާ ލިބުނު މީހާގެ އެކައުންޓުން ފައިސާ ޓްރާންސްފަރކޮށް އަދި އޭނާގެ ކޭޝް ކާރޑް ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައެވެ.
މި ހާދިސާ ހިނގާފައިވަނީ 24 ޖުލައި 2024 ދުވަހުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ސ. ހިތަދޫ، ސޯމާ، ޝަފީޤު އިބްރާހީމްއާއި، މއ. މަސްފެން، މުޙައްމަދު ރީހާންއާއި، މއ. މަސްފެން، ޢާއިޝަތުގެ މައްޗަށެވެ.
މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ:
1. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 120 ވަނަ މާއްދާގެ ދަށުން، އަނިޔާއެއް ދިނުމުގެ ދައުވާ
2. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 232 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ހުއްދަނޫން ގޮތެއްގައި މަޢުލޫމާތު ހޯދުމުގެ ދައުވާ
3. ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 213 ވަނަ މާއްދާގެ ދަށުން، ފޭރުުމުގެ ދައުވާ
އެ 3 މީހުންވެސް އިއުތިރާފުވެފައިވާތީ، މި ދައުވާތައް އެމީހުންގެ މައްޗަށް ސާބިތުވާކަމަށް ވަނީ ޙުކުމްކޮށްފައެވެ. އެހެންކަމުން އެނގިހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދި މައްސަލައިގައި 4މަހާއި 24 ދުވަސް، އަދި އަނިޔާ ދިން މައްސަލައިގައި 18 ދުވަސް، ފޭރުމުގެ މައްސަލައިގައި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
އެމީހުން ބަންދުގައި ތިބި މުއްދަތު އެ ޙުކުމުން ވަނީ އުނިކޮށްފައެވެ. އެހެންކަމުން ތަންފީޒު ކުރަންޖެހޭ ޙުކުމް ވަނީ އެ މުއްދަތަށްވުރެ ކުޑަވެފައެވެ.

