ސިޔާސީ ޕާޓީއެއްގެ ތާއީދު ހޯދައި، އެ ފިކުރު ވިއްކައިގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު ވިޕްލައިނާ ހިލާފަށް ވޯޓު ދީ، އެ ޕާޓީއެއްގެ އަސާސްތަކާއި ހިލާފުވުމުގެ ޖާގަ އޮވެގެން ނުވާނެކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް މިދިޔަ ބުދަ ދުވަހު ގެނައި އިސްލާހާއި އެކު ގިނަ ބަޔަކު ދެކެނީ ޕާޓީއަކުން ބޭނުންވާ މެމްބަރުންގެ ގޮނޑިތައް ވެސް ގެއްލުވާލެވިދާނެކަމަށެވެ. އަދި މިއީ ޑިމޮކްރެޓިކް ވެއްޓެއްގައި އޮވެގެން ވާނެ ނިޒާމެއް ނޫންކަމަށް ގިނަ ބަޔަކު ބުނަމުން ދާތީ، އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން ތަމްސީލު ކުރުމަށް އަންނަ މެމްބަރަކަށް ވޯޓު ލިބޭ އެންމެ ބޮޑު އެއް ސަބަބަކީ އެ މީހާ ހުންނަ ފިކުރު ކަމަށެވެ.
އެންމެ ފަހުން ސަރުކާރުގެ ފަރާތުން ހުށަހަޅައި ފާސްކުރި އިސްލާހުތަކުގެ މަސައްކަތަކީ، ވަކި ހާލަތަކާއި ގުޅުވައި އަވަސް އަރުވާލައިގެން ކުރި މަސައްކަތެއްކަމަށް ޕީއެންސީގެ މެމްބަރުން ގަބޫލެއް ނުކުރެ އެވެ.
ޕާޓީގެ އޮފީހުގައި އޮތް ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް އަބްދުއްރަހީމް ވިދާޅުވީ، ކޮންމެ މީހަކު ވެސް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު ދައުރުގެ މެދުތެރެއިން އޭނާގެ ފިކުރު ބަދަލު ކުރުމުގެ ޖާގަ އޮވެގެން ނުވާނެކަމަށެވެ. އަދި އެއީ ކޮންމެ މީހެއް ނަމަވެސް ގޮނޑި ގެއްލެން ޖެހޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހަށް އަބްދުއްރަހީމް ވިދާޅުވީ، ގޮނޑި ގެއްލޭނީ ގާނޫނީ ގަމަތަކުގެ މަތީން ޕާޓީން ވަކިކުރުން ކަމަށެވެ. އެހެންކަމުން އެކަމަށް ވަކި ގާނޫނެއް އަންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ހާމަ ޕާޓީގެ އެތެރޭގައި އޮންނަ ސުލޫކީ ކޮމިޓީގެ ތިން މީހުން އެއްވެފަ.. އަޅުގަނޑު ކަނޑާލަން ނިންމާލައިގެން.. ކަނޑާލާ ވާހަކައެއް ނޫން އޮންނާނީ.. އެ ގެނައި އިސްލާހުގައި އޮންނާނެ ގާނޫނުގައިވާ ގޮތުގެ މަތީން މީހަކު ވަކިކޮށްފިއްޔާ ނުވަތަ ވަކިވެއްޖެއްޔާ ގޮނޑި ގެއްލޭ ގޮތަށް
ޕާޓީގެ ސުލޫކީ ކޮމިޓީގެ ނިންމުމެއްގެ ސަބަބުން މެމްބަރުންގެ ގޮނޑި ގެއްލުމަކީ ރައްޔިތުންގެ ބާރު ކެނޑުން ނޫންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން އެގޮތަށް ދެކިދާނެ ހާލަތެއް ނާންނާނެ ކަމަށެވެ. އޭގެ ސަބަބެއްކަމަށް އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން އެ މީހަކު ދާއިރާގެ ގޮނޑިއަށް އިންތިހާބުކޮށްދެނީ އޭނާ ވަކި ފިކުރެއްގައި ހުރުމުގެ ސަބަބުން ކަމަށެވެ. އެއީ ޕާޓީގެ ވިސްނުމާއި، ޕާޓީގެ ފިކުރުގެ ސަބަބުން ލިބޭ ވޯޓުތައްކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕާޓީ ދޫކޮށްލުމާއި، ޕާޓީން ނެރޭ ވިޕްލައިނާ ހިލާފަށް ވޯޓު ދިނުމުގެ ފުރުސަތު މެމްބަރުންނަށް އޮވެގެން ނުވާނެކަމަށެވެ.
އެހެންވެއްޖެއްޔާ ޕާޓީގެ ޓިކެޓަކުއެއް ނޫން އެބޭފުޅަކު އިންތިހާބުވާން ވާނީ.. އަމިއްލައަށް އިންތިހާބުވާން ވާނީ..
ސިޔާސީ ޕާޓީއެއް ތަމްސީލު ކުރުމަށް އަންނަ މެމްބަރަކީ، އެ ޕާޓީއެއްގެ އުސޫލުތަކާއި ނިންމުންތަކަށް ތަބައަވާން ޖެހޭނެ މެމްބަރެއްކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މިއީ ގާނޫނުއަސާސީއާއި، ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާއި ވެސް ހިލާފު އިސްލާހުތަކެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ވަނީ މައްސަލައެއް ވައްދާފަ އެވެ. މިދިޔަ ބުދަ ދުވަހު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިނެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހާއި ދެކޮޅަށް ކުރީގެ ބައެއް ބަންޑާރަ ނައިބު ދިޔާނާ ސައީދާއި، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ.

