މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ވޯލްޑް ޓްރެވަލް އެވޯޑްސް 2024 ގެ ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން ފަސް ވަނަ ފަހަރަށް އަދި ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން ފުރަތަމަ ފަހަރަށް ހޯދާފައިވާތީ އެ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
މި ޙަރަކާތް ބާއްވާފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވޯޓަރފްރަންޓްގައެވެ.
މި ހަރަކާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލް، އެމްއެމްޕީއާރްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއާއި އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވަނީ މި ޝަރަފުވެރި އެވޯޑްތައް
ލިބިވަޑައިގަތުމުގެ އުފާ ފާޅުކުރައްވާފައެވެ.
އެމްއެމްޕީއާރްސީން ބުނީ، މި ޝަރަފުވެރި އެވޯޑްތަކާއި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ދޭ އަހައްމިއްޔަތުކަން ދަމަހައްޓައިގެން ދިވެހިރާއްޖޭގެ އަމާޒަކީ ދުނިޔޭގެ އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި އޮތް މަގާމު ވަރުގަދަ ކުރުން ކަމަށެވެ. އަދި މި ކާމިޔާބީތަކަކީ ޝައްކެއްވެސް ނެތްގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުމާއި ކާމިޔާބީ ދެމިއޮތުމަށް އެހީތެރިވެދޭނެ ކަމެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

