އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދަމުންދާ މައްސަލައެއްގައި، ފުލުހެއްގެ ބައިވެރިވުން ހިމެނޭކަމަށް ތުހުމަތު ކުރި ނަމަވެސް މިހާތަނަށް ކުރި ތަހުގީގުން އެފަދަ މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށް އެ މުވައްސަސާއިން ބުނެފި އެވެ.
މިއީ ސްކޭމް ކޮށްގެން ބައެއްގެ އަތުން ފައިސާ ފޭރުމުގެ ފަހަތުގައި ހުރީ ފުލުހެއްކަމަށް ބުނާ މައްސަލައެކެވެ. ސޯޝަލް މީޑިއާގައި އެ އޮފިސަރުގެ ފޮޓޯތައް ދައުރު ކުރަން ފެށުމުން ނޫސްވެރިން ކުރި ސުވާލަށް ފުލުހުން ބުނީ އަންހެނެއްގެ ފޭސްބުކް އެކައުންޓު ހެކްކޮށްގެން، އޭނާގެ ނަމުގައި އެހެން މީހުންގެ އަތުން ފައިސާ ނަގަމުންދާ މައްސަލައެއްގެ ރިޕޯޓު ބުދަ ދުވަހު ލިބިފައިވާކަމަށެވެ.
މައްސަލައިގައި މައުލޫމާތު އޮޅުން އަރައި ސާފު ނުވާ ކަންކަން ހުރުމުން، ނޫސްވެރިން ވަނީ ތަހުގީގުގެ ތަފްސީލު ފޯރުކޮށްދިނުމަށް އެދިފަ އެވެ. އޭގެ ފަހުން މިއަދު އާންމު ކުރި ބަޔާނުގައި ފުލުހުން ބުނީ، މީހެއްގެ ވައިބަރ އެކައުންޓު ކޮމްޕްރޮމައިޒްކޮށް އެކްސެސް ހޯދައިގެން އޭނާ ދަންނަ އެކި މީހުންނަށް މެސެޖުކޮށް އޮޅުވާލައިގެން ފައިސާ ހޯދި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.
މި ރިޕޯޓު ލިބުމާއި އެކު ތަހުގީގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ވައިބަރ ރިކަވާކޮށް އެ އެކައުންޓުގެ ވެރިފަރާތުގެ ބާރުގެ ދަށަށް އެ އެކައުންޓު ގެނެވިފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި ތަފާތު ތިން މީހެއްގެ އަތުން އޮޅުވާލައިގެން ހޯދި ޖުމްލަ 10،100 ރުފިޔާ، އީމެއިލް އަދި ބޭންކު އެކައުންޓު ކޮމްޕްރޮމައިޒްވެފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާއިރު މިހާތަނަށް 5،600 ރުފިޔާ ރޯލް ކުރި އެކައުންޓުތަކުގެ ތެރެއިން ހިފަހައްޓާފައިވާކަމަށެވެ.
ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް އެ މުވައްސަސާގެ އެއްވެސް އޮފިސަރެއްގެ ބައިވެރިވުމަށް ނުވަތަ ތުހުމަތު ކުރެވިދާނެ ހާލަތެއް ވެސް ފާހަގަކުރެވިފައި ނުވާކަމަށެވެ.
މައްސަލައިގައި އޮޅުވާލައިގެން ހޯދި ފައިސާ ދައުރު ކުރުމުގައި ބޭނުން ކުރި އެއް ބޭންކު އެކައުންޓަކީ ފުލުހެއްގެ އަނބިމީހާގެ އެކައުންޓު ނަމަވެސް އެއީ އޭނާގެ އީމެއިލްއާއި ބެންކު އެކައުންޓު ކޮމްޕްރޮމައިޒްކޮށް އެހެން ބައެއްގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އެކައުންޓެއްކަމަށް ތަހުގީގަށް ހޯދިފައިވާކަމަށް ބަޔާނުގައި ވެއެވެ.
ފުލުހުން ބުނީ މައްސަލައިގެ އެއްވެސް ހިސާބަކުން، އޮފިސަރުގެ މައްޗަށް ތުހުމަތު ކުރެވޭނަމަ އެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާނެކަމަށެވެ.

