އަދުލުއިންސާފާއި ޞުލްޙަވެރިކަމާއެކު ދިރިއުޅުމުގެ ޙައްޤު ހޯދުމަށް ފަލަސްޠީނުން ކުރަމުންދާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެއިން ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައ ރައީސް ވިދާޅުވީ ފަލަސްޠީނުގެ ޙައްގުގައި ރާއްޖެއިން ދޭ އެއްބާރުލުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ހިއްސާކުރާ ކަމެއް ކަމަށެވެ. އަ ފަލަސްޠީނުގެ އެކި ޖީލުތަކުގެ ރައްޔިތުން ކުރިމަތިލަމުން ގެންދާ އަނިޔާވެރިކަމާއި، ފަސާދައާއި، ގެދޮރު ގެއްލުމުގެ މައްޗަށް ރައީސް މުއިއްޒު ވަނީ އަލިއަޅުއްވާލައްވާފައިވެއެވެ.
ފަލަސްޠީނުގެ އަޚުންނާއި އުޚުތުން ބަރުދާސްކުރަމުންގެންދާ ބޭއިންސާފާއި އަނިޔާވެރިކަމާއި، ދިރިއުޅެމުން ގެންދާ ހިތްދަތިކަމުގެ ހަނދާންތައް އާކޮށްދޭ ކޮންމެ ދުވަހަކީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ދެމިތިބުމުގެ ޢަޒުމް ވަރުގަދަވެ، އަދި އެ ޢަޒުމު އައުކޮށްދޭ ދުވަހެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގައުމުގެ ރައްޔިތުންނާމެދު ބޭއިންސާފުން ހިންގާ ކަންކަމަކީ ދިވެހީން ޙިއްޞާކުރާ ތާރީޚުގައި ޖެހިފައިވާ ލައްގަނޑެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަންޖެހޭކަމަށާއި ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވެ، އެޤައުމެއްގެ ސިޔާސީ ވިސްނުމާއި އިޤްތިޞާދީ ބާރުގެ ބޭނުންހިފަންޖެހޭކަމަށެވެ. ފަލަސްޠީނުގެ ރެފިއުޖީންގެ ޙައްގުގައި އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫ.އެން.އާރު.ޑަބްލިއު.އޭ) އަދާކުރަމުންގެންދާ މުހިންމު ދައުރަށް 75 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި، އެ އެޖެންސީން ކުރަމުންގެންދާ ހައްސާސް މަސައްކަތްތަކަށް ހުރިހާ ޤައުމުތަކުންވެސް އެއްބާރުލުން ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައިވެއެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާއި، ބައިނަލްއަގުވާމީ އިންސާނީ ޙައްގުތަކާބެހޭ ގާނޫނާއި، އިންސާނީ އެހީގެ ގާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވެ، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގެ ޖަރީމާތަކާއި، އިޒްރޭލުގެ ޢަމަލުތައް ރައީސް ވަނީ ކުއްވެރިކުރައްވާފައެވެ. ރައީސް ވިދާޅުވީ އެ ލާއިންސާނީ ޢަމަލުތަކަކީ ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ނޫންކަމަށާއި، އެއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ގައުމުތަކުގެ ގުޅިފައިވާ ނިޒާމަށް ދެވޭ ޙަމަލާއެއްކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ޙިމާޔަތްކޮށް، އިޒްރޭލު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރެވޭ މަސައްކަތަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެކަމުގައި ރާއްޖެއިން ގަބޫލުކުރާކަމަށެވެ. މީގެއިތުރުން ފަލަސްޠީނު ރައްޔިތުން ކުރަމުންގެންދާ ޖިހާދަކީ ދިވެހީންގެ އަމިއްލަކަމެއްގެ ގޮތުގައި ދިވެހީން ގަބޫލުކޮށް ބަލައިގަންނަކަމީ ދެބަސްވެވެންނެތް ކަމެއް ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޢަދުލުއިންޞާފާއި، މިނިވަންކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ދުނިޔޭގެ ކުރިމަތީގައި ސާބިތުކަމާއެކު އަޑުއުފުލުމުގައި ފަހަތަށްނުޖެހި ދެމި ތިބޭނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މިމައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ މިނިވަން އަދި އިސްތިގުލާލީ ދަޢުލަތެއް ގާއިމުކުރެވި، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެންކަމަށް ރައީސް ވިދާޅުވިއެވެ.

