ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް އާސަންދައިގެ ނިޒާމަށާއި، ސަބްސިޑީއަށް ބަދަލުތައް ގެންނަން ޖެހޭތީ އެކަމަށް ކުރެވުނު މަސައްކަތް ފެންނަން އެބަހުރިކަމަށާއި އެހެން ނަމަވެސް އެ މަސައްކަތް ހުއްޓުނީ ނުފޫޒެއްގައި ޖެހިގެންކަމަށް ށ. ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ޖުމްލަކޮށް ފާހަގަކޮށްފައި ވަނީ، ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން އަރައިގަނެ ގައުމުގެ ތަރައްގީއަށް މިވަގުތު ކުރިޔަށް ގެންދަން ހުރި މަޝްރޫއުތަކެވެ. އަދި ބަޖެޓުގައި ހިމަނާފައި ހުރި ރިފޯމްތަކުގެ ތެރޭގައި އާސަންދައާއި، ސަބްސީޑީ އަދި ޕެންޝަން ސީކީމަށް ގެންނަ ބަދަލުތައް ފާހަގަކުރެވެ އެވެ.
މި މަސައްކަތްތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި މަމްދޫހު ވިދާޅުވީ މީގެ ކުރިން އާންމުކޮށްފައި ހުރި މާލީ އެކި ރިޕޯޓުތަކުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޭކާރު ހަރަދުތައް ކުރަމުން ގެންދާކަން ފާހަގަކޮށް، މެނޭޖު ކުރުމަށް ލަފާ ދީފައި ހުންނާނެކަމަށެވެ. އަދި ސިޔާސީ މަގާމުތައް ނަގައި ބޮޑު ހޭދަތައް ވެސް ކުރަމުން ދިޔައީ ކުރީ ސަރުކާރުންކަމަށް ފާހަގަކޮށް އެކަން ހިސާބުތަކުން ފެންނަން އޮންނާނެކަމަށް މަމްދޫހު ވިދާޅުވި އެވެ.
މަމްދޫހު ވިދާޅުވީ ޕެންޝަނާއި، އާސަންދައިގެ ނިޒާމުގެ ތެރޭގައި ހުރި ނިޒާމީ މައްސަލަތަކެއްގެ ސަބަބުން އެތައް ބިލިއަން ރުފިޔާއެއް އަހަރެއްގެ މައްޗަށް އިސްރާފުވަމުން ދިޔަކަން އެއީ އެންމެން ވެސް ގަބޫލު ކުރާ ހަގީގަތެއް ކަމަށެވެ. ކުރީ ސަރުކާރަށް ވެސް އެކަން ފާހަގަވެފައި އޮތް އިރު އިހުލާސްތެރި ނިޔަތެއްގައި ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ހިދުމަތެއް ރީފޯމްކޮށް ރަނގަޅަށް ފޯރުކޮށްދެވޭނެ ގޮތެއް ހޯދާފައި ނުވަނީ ކީއްވެގެން ތޯ މަމްދޫހު ސުވާލު އުފެއްދެވި އެވެ.
މަމްދޫހު ވިދާޅުވީ ސަބްސިޑީ ހިމެނޭ ގޮތަށް މިފަދަ ހިދުމަތްތައް ފޯރުކޮށްދޭން ޖެހެނީ، އެކަމަކަށް އެންމެ ބޭނުން ޖެހިފައި ތިބި ރައްޔިތުންނަށް ކަމަށެވެ. މަމްދޫހު ވިދާޅުވީ ކުރީ ސަރުކާރުން އެކުލަވާލި ބައެއް ކަރުދާސްތަކުގައި މި މައްސަލަތައް ފާހަގަކޮށް، އެޅިދާނެ ފިޔަވަޅުތަކުގެ ވާހަކަ މަޝްވަރާ ކުރެވުނުކަމަށެވެ. އެހެން ނަމަވެސް ސަރުކާރަށް ތަންފީޒީ މަރުހަލާއަށް އެ ފިޔަވަޅުތައް ގެނެވިފައި ނުވަނީ ކޮންމެވެސް ނުފޫޒެއް އެކަމުގެ ތެރެއަށް ވަދެގެންކަމަށް ވިދާޅުވި އެވެ.
ރައްޔިތުންނަށް އެކަމުން ނަފާވާނެކަމެއްކަން އެނގި ތިބެ، ކޮންމެވެސް ނުފޫޒެއްގެ ދަށުވީމަ އޭރު ގައިމު ވެސް އެމްޑީޕީގެ ވެރިކަމުގައި މި ކަންކަން ތަންފީޒު ކުރަން ނުކެރި ފަސްޖެހިފައި އޮންނާނީ.. އެހެން ނަމަވެސް ރައީސް މުއިއްޒު އަބަދުވެސް ރައްޔިތުންގެ ފަޅީފައި ހުންނަވައިގެން އެއްވެސް ނުފޫޒަކާއި ނުޖެހި ރައްޔިތުންނަށް އެކަމަކުން ފައިދާވާނެކަމެއް އެގެންދަވަނީ ކުރައްވަމުން.. ކުރަމުން..
މީގެއިތުރުން މަމްދޫހު ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެކުލަވާލި ރިއާސީ ކޮމިޝަންތަކަށް ކުރި ހޭދަތައް ފާހަގަކުރައްވާފަ އެވެ. ކޮމިޝަންތައް އެކުލަވާލުމަށް ފަހު ބޮޑެތި ބާރުތައް ދީގެން ފަސް އަހަރުގެ މަސައްކަތުން ބެލުނު އެއްވެސް މައްސަލައެއް ނުވަތަ ކުރެވުނު ދައުވާއެއް ވެސް ނެތްކަމަށް މަމްދޫހު ވިދާޅުވި އެވެ.
މަމްދޫހު ވިދާޅުވީ ސިޔާސީ ގޮތުން ލިބެން އޮތް ފައިދާއެއް ލިބިގަތުމުގެ ގޮތުން ހަރަދު އިންތިހާއަށް އެމްޑީޕީގެ ވެރިކަމުގައި އިތުރުވީކަމަށެވެ. އަދި އެކި މަސައްކަތްތަކަށް ކުންފުނިތައް އުފައްދަވައި، މަސްއޫލިއްޔަތުތައް ވެސް އެކި ކުންފުނިތަކަށް ހަވާލު ކުރަމުން ގެންދިޔަކަން ފާހަގަކުރެއްވި އެވެ.

