ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ފުޅާކޮށް ހަރުދަނާ ކުރެވޭނީ ރައްޔިތުންނަށްދޭ ޙިދުމަތްތައް ފަސޭހަ ގޮތެއްގައި މެދުނުކެޑި ދެވޭނެ އިންތިޒާމެއް ހަމަޖެހުމުން ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސިއްހީ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ވީޑިއޯއެއްގައި މިނިސްޓަރ ވިދާޅުވީ، ސިއްޙީ ނިޒާމު ފުޅާވެ ތަރައްޤީވުމުގައި މުހިންމު ދެ ކަމެއް އެބައޮތްކަމަށާއި އެގޮތުން އެއް ކަމަކީ މިހާރު ދެމުންގެންދާ ޙިދުމަތްތައް ރައްޔިތުންނަށް ލުއި ފަސޭހަ ގޮތެއްގައި މެދުނުކެޑި ދެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ. އަދި ދެވަނަކަމަކަށް ސިއްހީ ނިޒާމު އިތުރަށް ފުޅާކޮށް، މިހާރު ރާއްޖެއިން ލިބެން ނެތް ޙިދުމަތްތައް ހަމަޖެހިގެން ދިއުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްްޓަރ ވިދާޅުވީ، ސިއްޙީ ނިޒާމު ތަރައްޤީވެ ކުރިއަރައިގެން ދިއުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާނީ އެކި ޑިޕާޓްމެންޓް ތަކުން ކަމަށެވެ. އެހެން ކަމުން ހުރިހާ ޑިޕާޓްމެންޓްއިން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އަލަށް ޤާއިމްކުރުމަށް ނިންމާފައިވާ ކެންސަރ ހޮސްޕިޓަލްއިން ފުޅާ ދާއިރާއެއްގައި ޙިދުމަތް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ތެލެސީމިއާ ހޮސްޕިޓަލް ޤާއިމުކުރުމާއިއެކު، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ހާއްސަ ފަރުވާތައް ލިބިގެންދާނެ ކަމަށާއި އަދި ކުޑަ ކުދިންނާއި މާބަނޑު އަންހެނުންގެ ހޮސްޕިޓަލް ޤާއިމުކުރުމަށްފަހު އެ ފަރާތްތަަކަށް ޙާއްސަ ކުރެވިފައިވާ ފަރުވާ ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެ ހުރިހާ މަޝްރޫއެއް ފެށުމާއެކު ނަތިއްޖާއަކަށް ވެގެންދާނީ ދަރުމަވަންތަ ހޮސްޕިޓަލަށާއި އަޖީއެމްއެޗްގައިވާ ކިއުއަށް ލުއިތަކެއް ލިބިގެން ދިއުން ކަމަށެވެ. އެހެންކަމުން ސިއްޙީ ނިޒާމު އެއްކޮށް ތަރައްޤީ ވުމުން، ރައްޔިތުންގެ ކަންބޮޑުވުންތަކަަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

