މިހާރުގެ ސަރުކާރުގެ އަމާޒަކީ ފާޑުކިޔުމުގެ ޖާގައެއް ނުދީ، ރަދުންގެ ވެރިކަމެއްގައި އޮންނަ ފަދައިން، ވެރިޔާގެ ބަސްފުޅަކީ އަމުރު މައުރޫފެއްގެ ގޮތުގައި ބަލައިގަނެވޭ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެކްޓިވިސްޓެއް ފުލުހުންގެ މުއައްސަސާއަށް ހާޒިރުކުރުމާ ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތާ ބެހޭގޮތުން ސަންގު ޓީވީއަށް ދެއްވި އިންޓަވިއުގައި ފައްޔާޒް ވިދާޅުވީ، މިއަދު އެމްޑީޕީން ކުރިއަށް ގެންދާ ޙަރަކާތަކީ މުޒާހަރާއެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކޮށް، އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، މިއަދު އެމްޑީޕީން ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ސަރަޙައްދުގައި ކުރިއަށް ގެންދަނީ އިޙްތިޖާޖެއް ނުވަތަ މުޒާހަރާއެއްވެސް ނޫން ކަމަށާއި، މިއީ އެކްޓިވިސްޓަކު ސޯޝަލް މީޑިއާގައި ފާޅުކުރި ޝުޢޫރަކާ ގުޅިގެން އޭނާ ފުލުހުންނަށް ހާޒިރުކުރުމާ އެކު ބޭއްވޭ މަސައްކަތްތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ މި ޢަމަލުތަކުގެ ސަބަބުން ލިބިގެންދަނީ ވަރަށް ނުރައްކާތެރި ސިގްނަލްތަކެއް ކަމަށާއި، ރާވައިގެން ސަރުކާރުން ރައްޔިތުންނަށް އޮތް ބާރުވެރިކަން ނިގުޅައިގަތުމަށް މަސައްކަތްކުރާ މަންޒަރު ފެނިގެންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ތަޅުއަޅުވާފައިވާ ކަމަށާއި މިނިވަން މުއައްސަސާތަކުގެ ބާރުވެސް ކަނޑުވާލަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ، ދެން އޮތީ ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ ޙައްޤު ކަމަށާއި، މިހާތަނަށް ރައްޔިތުން ވަނީ ވަރަށް މިނިވަންކަމާއެކު ޚިޔާލުފާޅުކުރަމުން އައިސްފައި ކަމަށެވެ. އެގޮތުން އެމްޑީޕީ ވެރިކަމުގައި އޮތްއިރު ރައްޔިތުންގެ ތެރޭގައި ބޭނުން ގޮތަކަށް ފާޑުކިޔުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެއްވިއެވެ. އޭރު އެމްޑީޕީގެ މެންބަރުންގެ ފުރާނައަށް ނުރައްކާވާ ގޮތަށްވެސް އިދިކޮޅު އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަމުންދިޔަ ނަމަވެސް، އެމްޑީޕީން އެކަމާ ކަންބޮޑުވެގެން ހުއްޓުވުމަށް މަސައްކަތްކޮށްފައި ނުވާނެ ކަމަށާއި، އެއީ އެބައެއްގެ އަތުގައި އޮތް މިނިވަންކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް، މިހާރު ފެންނަމުންދަނީ ފުލުހުންގެ މުއައްސަސާއަށް ހާޒިރުކޮށްގެން ބިރުދެއްކުމުގެ މަސައްކަތް ފަށާފައިވާ މަންޒަރު ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެން ހުރިހާ ދާއިރާއެއްގެ ކޮންޓްރޯލް ނެގުމަށްފަހު، ރައްޔިތުންނަށް ބިރުދެއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިނިވަންކަމާއެކު ޚިޔާލުފާޅުކުރާ ކޮންމެ ފަހަރަކު ފުލުހުންނަށް ހާޒިރުކުރާ ކަމަށްވާނަމަ، މީހުންގެ ކަންބޮޑުވުންތައްވެސް އުފެދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ، މި ހުރިހާ ކަމެއްގެ މަޤްޞަދަކީ ސަރުކާރާ ދޭތެރޭ އެއްވެސް ބާވަތެއްގެ ފާޑުކިޔުމެއް ނުކުރެވޭ ގޮތަށް، ރަދުންގެ ވެރިކަމެއްގައި އޮންނަ ފަދައިން، ވެރިޔާގެ ބަސްފުޅަކީ އަމުރު މައުރޫފެއްގެ ގޮތުގައި ބަލައިގަނެވޭ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.

