ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކެއްގެ މައްސަލައިގައި ފުލުހަށް ހާޒިރުކޮށް، އެހެން ތުހުމަތުތަކެއްގައި ސުވާލު ކުރިކަން އެމްޑީޕީން މިހާ އަވަހަށް ހަނދާން ނެތުނީތޯ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ސުވާލު އުފައްދައިފި އެވެ.
ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފަހު މަޖިލީހަށް އިންތިހާބުވި އަޒާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑީޕީ އެންމެ ނުރުހުންވާ އެއް ޒުވާނެކެވެ. އެގޮތުން އޭނާ ކުރާ ޕޯސްޓުތަކާއި، ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކުގެ ސަބަބުން ސުވާލުކުރަން ފުލުހަށް ހާޒިރު ކުރިއިރު ޖިނާއީ ތުހުމަތުތަކެއް ވެސް ކުރި އެވެ.
ސަރުކާރަށް ނިސްބަތްވާ ގޮތަށް އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކުރި ޕޯސްޓެއްގެ ސަބަބުން އޭނާ މިއަދު ފުލުހަށް ހާޒިރުކޮށްފައި ވާތީ އެމްޑީޕީ ވަނީ މަގުމައްޗަށް ނިކުމެ އެކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ. އަދި ފުލުހަށް ހާޒިރުވުމަށް އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން ޝާފިއު (ތުއްތު) އަށް ޗިޓު ފޮނުވުމާއި އެކު އެމްޑީޕީގެ ލީޑާޝިޕް ވެސް ހިމެނޭހެން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ.
އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީން އަމާޒު ކުރާ ފާޑުކިއުންތަކަށް އަޒާން މިއަދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގެ ސަބަބުން ދެފަހަރެއްގެ މަތީން ފުލުހަށް ހާޒިރުކުރި ކަމަށެވެ. އަދި އެހެން މައްސަލައިގައި އޭނާގެ މައްޗަށް ޖިނާއީ ބޮޑު ތުހުމަތުތަކެއް ކުރިކަން ފާހަގަކުރި އެވެ.
އަޒާން ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ނިމުމާއި ގާތްވެފައިވަނިކޮށް ޓެރަރިޒަމްގެ ތުހުމަތުތަކެއްކޮށް މައްސަލަ ބަލަން ފުލުހަށް ވެސް އެންގިކަމަށެވެ. އަޒާން ވަނީ ރައީސް ސޯލިހާއި އެމްޑީޕީ މިހާ އަވަހަށް އެ ދުވަސްތައް މަތީން ހަނދާން ނެތުނީތޯ ސުވާލު ކުރައްވާފަ އެވެ.
އެމްޑީޕީ އިހުތިޖާޖު ކުރަމުން ދާތީ ސަރުކާރުގެ ގިނަ މެމްބަރުން ވެސް ވަނީ ކުރީ ސަރުކާރުގައި އެކި މައްސަލަތަކުގައި ގިނަ ބަޔަކު ފުލުހަށް ހާޒިރުކުރިކަން ފާހަގަކޮށްފަ އެވެ. އަދި ސޯޝަލް މީޑިއާގައި ސަރުކާރާއި ދެކޮޅަށް ކުރާ ޕޯސްޓުތަކުގެ ސަބަބުން ވަޒީފާއިން ވަކި ކުރިކަން ވެސް ފާހަގަކުރި އެވެ.

