އަނިޔާއެއް ދިނުމަށް ގޮވާލައި، މުޖްތަމައުގެ އަމަންކަން ގެއްލުވާލުމަށް މަސައްކަތް ކުރާ ކޮންމެ މީހެއްގެ މައްސަލައެއް ސީރިއަސްކޮށް ނަގައި ތަހުގީގު ކުރާނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މުޖްތަމައުގެ އަމަންކަން ގެއްލޭ ގޮތަށް، އަނިޔާއެއް ދީފާނެކަމަށް ދޭހަވާ މޭރުމަކުން ސޯޝަލް މީޑީއާގައި ސަރުކާރަށް ނިސްބަތްކޮށް ޕޯސްޓު ކުރި މައްސަލައިގައި އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން ޝާފިއު (ތުއްތު) ފުލުސް އޮފީހަށް މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.
މައްސަލައިގައި އިހުތިޖާޖުކޮށް އެމްޑީޕީ ބުނެފައި ވަނީ މިއީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށެވެ. އަދި ޒުވާނަކު ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމުން ސަރުކާރުން އޭނާ ފުލުހަށް ހާޒިރު ކުރަނީ ކީއްވެތޯ ސުވާލު އުފެއްދި އެވެ.
މިއީ ސިޔާސީ ގޮތުން ކުރާ މަސައްކަތެއްކަމަށް އެމްޑީޕީ ތުހުމަތު ކުރާތީ ”ސަންގު“ އިން ސުވާލު ކުރުމުން އިހުސާން ވިދާޅުވީ އެއްވެސް މީހަކު އިސްތިސްނާ ކުރުމެއް ނެތި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ބައެއްގެ މައްސަލަ ބަލާނެކަމަށެވެ. އަދި ސޯޝަލް މީޑީއާއަށް ދޫކޮށްލާ ޕޯސްޓެއްގެ ފަހަތުގައި ހުރީ ސިޔާސީ މީހެއް ނުވަތަ ސިޔާސީ މީހެއް ނޫނަސް އަނިޔާއެއް ދިނުމަށް ގޮވާލާނަމަ މައްސަލައެއް ބަލާނެކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ ގޮތުގައި އަބަދުވެސް މަސައްކަތް ކުރާނީ މުޖްތަމައުގެ ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށެވެ.
އިހުސާން ވިދާޅުވީ ޝާފިއުގެ ޕޯސްޓުގައި ވަނީ ވަކި މީހަކު މަގެއް މަތިން ފެނިއްޖެ ނަމަ ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދީފައިވާ އިންޒާރެއް ކަމަށެވެ. އެހެންކަމުން އެހެން ދޭހަވާގޮތަށް އޮތުމުން އެކަމުގެ ތަފްސީލު ހޯދައި ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެއްކަމަށް އިހުސާން ވިދާޅުވި އެވެ.
މީގެއިތުރުން އިހުސާން ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެތެރެއިން އެންމެ ފުޅާމިނަށް ހިޔާލުފާޅުކުރެވޭނެ މަގު އޮންނާނީ ހުޅުވިފައި ކަމަށެވެ. އަދި ކޮންމެ ކަމެއް ސިޔާސީ ކުޅިވަރަކަށް ނުހެދުމަށް ގޮވާލި އެވެ.

