އަނެއްކާއަށް ބިރު ދައްކައި މީހެއްގެ ހައްގު ނިގުޅައިގަތުމުގެ މިނިވަންކަން ގާނޫނުއަސާސީން ލިބިދީފައި ނޯންނާނެކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ނިސްބަތްކޮށް މުޖްތަމައުގެ އަމާންކަން ގެއްލޭ ގޮތަށް އަދި ވަކި މީހަކަށް އަނިޔާއެއް ދީފާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރަމުން ދާތީ އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން ޝާފިއު (ތުއްތު) މިއަދުގެ ވަގުތެއްގައި ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ޝާފިއު ފުލުހަށް ހާޒިރު ކުރުމަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، އިދިކޮޅުގެ މަސައްކަތްތައް ހުއްޓުވުންކަމަށް އެމްޑީޕީ ތުހުމަތު ކުރެ އެވެ.
ސަރުކާރަށް އަމާޒުވާ ގޮތަށް ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއި އެކު ޝާފިއު އުފުލަށް ހާޒިރުވެފައި ވަނީ، އެމްޑީޕީގެ ލީޑާޝިޕާއި ވެސް އެކު އެވެ. އަދި އެމްޑީޕީގެ މެމްބަރުން ވަނީ ފުލުސް އޮފީސް ސަހަރައްދުގައި މުޒާހަރާކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަމާޒުވާ ގޮތަށް ފާޑުކިޔާފައެވެ.
ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ސިޔާސީ މަސައްކަތަށް ޖާގަ ދިނުން ނަމަވެސް، އެ މަންޒަރު ނުފެންނަކަމަށް އެމްޑީޕީ ބުނަމުން ދާތީ އެކަމަށް ސުވާލު ކުރުމުން މުހައްމަދު އިސްމާއިލް ވިދާޅުވީ ގާނޫނުގައި އޮންނަނީ ވަކި އިމެއްގެ ތެރޭގައި ހިޔާލުފާޅު ކުރުމަށް ކަމަށެވެ. އެ މާއްދާގައިވާ ގޮތުގެ މަތީން މިނިވަންކަމާއި އެކު މަސައްކަތް ކުރުމަށް ކޮންމެ މީހަކަށް ވެސް ފުރުސަތު އޮންނާނެކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި އެއްވެސް މީހަކަށް ލިބިގެން ނުވަނީ އަނެއްކާއަށް ބިރު ދައްކައި ދެވަނަ ފަރާތެއްގެ ހައްގު ނިގުޅައިގަތުމުގެ މިނިވަންކަމެވެ. އަދި ވިދާޅުވީ ހިޔާލުފާޅުކޮށް ވާހަކަ ދެއްކުމުގެ މިނިވަންކަން އޮންނާނީ ވަކި އިމެއްގެ ތެރޭގައި ކަމަށެވެ.
އެއީ ގާނޫނުއަސާސީން ލިބިދީފައި އޮތް ބާރެއް ނޫން،. އަނެކާއަށް ބިރު ދައްކައި ހައްގަށް އަރައިގަތުން ނޯންނާނެ.. މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނަނީ ވަކި ލިމިޓެއްގެ ތެރޭގައި
ގާނޫނުއަސާސީގެ ދިފާއުގައިކަމަށް ބުނެ އެމްޑީޕީ ބޮޑު ޖަލްސާއަކާއި މުޒާހަރާއަކަށް ތައްޔަރުވަމުން ދާތީ މުހައްމަދު އިސްމާއިލް ވިދާލުވީ އޭގެ ވެސް ބޭނުމަކީ އަމިއްލަ މަންފާއެއް ހާސިލު ކުރުން ކަމަށެވެ. މިއީ އެއްވެސް ހާލަތެއްގައި އެމްޑީޕީ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތެއް ނޫންކަމަށާއި، އެ ޕާޓީ އަބަދުވެސް އިސް ކުރަނީ އަމަންކަން ނަގާލައި މުޖްތަމައުގެ ހަމަޖެހުން ގެއްލުވާލަންކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.
މީގެއިތުރުން މުހައްމަދު އިސްމާއިލް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު މިއަދު އެމްޑީޕީއަށް ގޯސްވީ ނަމަވެސް އެ ގާނޫނާއި މެދު ބޭނުން ގޮތަކަށް އަމަލު ކުރީ އެ ޕާޓީން ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ސަރުކާރުން ގެނައި އިސްލާހަކީ މާކުރިން ވެސް ގެނެވިފައި އޮންނަން ޖެހޭ ބަދަލެއްކަމަށް ވިދާޅުވި އެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ ރައްޔިތުންގެ އަބަދުވެސް ކަންބޮޑުވުމަކީ މެމްބަރުންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެއްދުމާއި، ޕާޓީ ބަދަލު ކުރުމެވެ. އެ މެމްބަރަކު އިންތިހާބުވާ ޕާޓީގައި ދެމި ހުރުމުގެ މުހިންމުކަން ފާހަގަކޮށް މުހައްމަދު އިސްމާއިލް ވިދާޅުވީ ރައްޔިތުން ވޯޓު ދެނީ ވެސް ސިޔާސީ ފިކުރަށް ކަމަށެވެ.
އެމްޑީޕީ ކުރާ މަސައްކަތްތަކަށް ޖާގަ ނުދޭނެކަމަށާއި، ރައްޔިތުން މިއަދު ބޭނުން ވަނީ އިންސާފުވެރި ހަމަޖެހުން އިސްކުރާ ސަރުކާރެއްކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

