ކެބިނެޓަށް ބައެއް ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.
ވަޒީރުންގެ މަޖިލީހަށް ބައެއް ބަދަލުތައް ގެނައުމަށް ރައީސް ނިންމަވާފައިވާކަމަށް ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވަނީވެފަ އެވެ. އަދި މިރޭގެ ވަގުތެއްގައި ބައެއް ވަޒީރުން މަގާމުން އެހެން މަގާމުތަކަށް ބަދަލުކޮށް ބައެއް ބޭފުޅުން ވަކި ކުރަން އުޅޭކަމަށް އަޑުފެތުރުނެވެ.
މި ވާހަކަތައް ދޮގުކޮށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކެބިނެޓައް ބަދަލުތަކެއް ގެނައުމަށް ރައީސް ނިންމަވާފައި ނުވާކަމަށެވެ.
މީގެ ދުވަސްތަކެއް ކުރިން ކެބިނެޓުން ބަދަލުތަކެއް ގެނެސް، ޑރ. އަބްދުﷲ ޚަލީލް ފޮރިން މިނިސްޓަރުކަމަށް އަދި ފިނޭންސް މިނިސްޓަރުކަމަށް މޫސާ ޒަމީރު ވަނީ އައްޔަނުކޮށްފަ އެވެ. ހެލްތް މިނިސްޓަރުކަމުގެ މަގާމަށް އައްޔަނު ކުރެއްވީ އަބްދުﷲ ނާޒިމެވެ.
ކެބިނެޓުން ރައީސް ގެންނަން ހުރި ހަމައެކަނި ބަދަލަކީ، ސިއްހީ ހާލުކޮޅު ހުރިގޮތުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން ޑރ. އައިޝަތު ރަމީލާ އިސްތިއުފާ ދެއްވާފައި ވާތީ އެ މަގާމަށް ބޭފުޅަކު އައްޔަނު ކުރެއްވުމެވެ.

