އާންމު މުޖްތަމައުގައި ބިރުވެރިކަން ގެއްލޭ ގޮތަކަށް، ޝުއޫރުފާޅުކޮށް ލިޔާ ޕޯސްޓުތަކުގެ މައްސަލަ ތަހުގީގީ އިދާރާތަކުން ބަލަން ޖެހޭކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެ އެވެ.
ހަމަޖެހުން ނަގާލައި ބިރުވެރިކަން އުފައްދައި، މީހަކަށް އަނިޔާއެއް ދީފާނެކަމަށް ދޭހަވާ މޭރުމަކުން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ކުރި ޕޯސްޓެއްގެ މައްސަލައިގެ ތަހުގީގު ފަށައި އޭނާއާއި ސުވާލު ކުރުމަށް މިއަދު ފުލުހަށް ހާޒިރުކޮށްފައި ވެއެވެ. އެމްޑީޕީ ގަބޫލު ކުރާ ގޮތުގައި މިއީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމެވެ. އަދި އެކަމާއި ދެކޮޅަށް އިހުތިޖާޖުކޮށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރި އެވެ.
މައްސަލައިގައި އެމްޑީޕީ މުޒާހަރާއަށް ނިކުމެ އަޑުއުފުލާފައި ވަނިކޮށް އައިފާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޖްތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ މީހަކު ޝުއޫރު ފާޅުކުރުމުން ތަހުގީގީ އިދާރާތަކުން އެ މުވައްސަސާތަކުގެ ޒިންމާ އަދަން ކުރަން ޖެހޭކަމަށެވެ. އައިފާން ވިދާޅުވީ ކަމެއް ގޯސްވުމުގެ ކުރިން އެކަމަކަށް ފިޔަވަޅު އެޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ގާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ އެއްވެސް ހާލެއްގައި މީހުންނަށް ބިރުދައްކައި ގައުމުގެ މަސްލަހަތު ނަގާލައި ނުރައްކަލަށް ހުށަހަޅަން ލިބޭ ލައިސެންސެއް ނޫންކމަށް އައިފާން ވިދާޅުވި އެވެ.
މުޖްތަމައުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބަޔަކު ނުވަތަ މީހަކު ޝުއޫރު ފާޅު ކުރުމުން އެކަމުގައި ކަމާއި ބެހޭ ތަހްގީގީ އިދާރާތަކުގެ ޒިންމާ އަދާކުރަން ޖެހޭ، ކަމެއް ގޯސްވުމުގެ ކުރިން އެކަމާއި ފިޔަވަޅު އެޅުން ބުއްދިވެރި. ގާނޫނު އަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެއްވެސް ހާލެއްގައި މީހުނަށް ބިރުދައްކާ ގައުމުގެ މަސްލަހަު ނަގާލާ ނުރައްކަލަށް ލާން ލިބިދޭ ލައިސެންސެއް ނޫން.. ދައުލަތަގެ އެންމެ މުހިންމު ޒިންމާއަކީ ރައްޔިތުންގެ ރައްކާތެރިކަން ޔަގީން ކުރުން! ވޭތުވެދިޔަ ތަނުގައިވެސް އެމްޑީޕީން މަސައްކަތްކުރީ ގައުމުގެ މަސްލަހަތު ނަގާލާ ގަޑުބަޑު ކުރަން.
އައިފާން ވިދާޅުވީ ދައުލަތުގެ އެންމެ މުހިންމު ޒިންމާއަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ޔަގީން ކުރުން ކަމަށެވެ. އެހެންކަމުން ވޭތުވެ ދިޔަ ތަނުގައި ވެސް އެމްޑީޕީ މަސައްކަތް ކުރީ ގައުމުގެ މަސްލަހަތު ނަގާލައި ގަޑުބަޑު ކުރުމަށްކަމަށް އޭނާ ވިދާޅުވި އެވެ. އައިފާން ވިދާޅުވީ އެމްޑީޕީ ޖަހާ ސަކަރާތުގައި ބައިވެރިވެ އޮތުމަށް ދިވެހި ރައްޔިތުންނަށް ވަގުތެއް ނެތްކަމަށެވެ.
ސޯޝަލް މީޑިއާގެ ޕޯސްޓުގެ މައްސަލައިގައި ”ސަންގު“ އާއި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ މުޖްތަމައުގައި ވަކިވަކި މީހުންނަށް ނިސްބަތްކޮށް އާންމު ކުރާ ވާހަތަކާއި ހަމަޖެހުން ގެއްލުވާލުމަށް މަސައްކަތްކޮށް އެފަދަ އަމަލުތަކަށް ހިތްވަރު ދިނުމަށް ގޮވާލާނަމަ ފުލުހުން އަބަދުވެސް އެފަދަ މައްސަލަތައް ބަލާކަމަށެވެ. އަދި ވިދާޅުވީ އެ މީހަކީ ސިޔާސީ ނުވަތަ ސިޔާސީ ނޫން މީހެއް ނަމަވެސް ކުރަން ޖެހޭ ތަހުގީގެއް އެއްވެސް އިސްތިސްނާ ކުރުމެއް ނެތި ކުރިޔަށް ގެންދާނެ ކަމަށެވެ.

