ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 2024 ނޮވެންބަރު 27 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 55 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވައިފައިވަނީ، މިހާރު ޢަމަލުކުރަމުން އަންނަ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ގެ ބަދަލުގައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އައު ނިޒާމެއް ތަޢާރަފުކޮށް، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން، ދެމެހެއްޓެނިވި، ދެފުށް ފެންނަ، އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން، ދައުލަތުގެ ފިސްކަލް ކަންކަމާ ގުޅޭ ހަމަތަކާއި، އަމާޒުތަކާއި، އުސޫލުތައް ބަޔާންކުރުމަށެވެ.

މި ބިލުގައި، ދައުލަތުގެ ކޭޝްފްލޯ މެނޭޖުކުރުމަށް ޓަކައި، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް، އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ 2.5 އިންސައްތައަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތީން، ދައުލަތުގެ މަރުކަޒީ ބޭންކުން އެޑްވާންސަށް، ސަރުކާރަށް ދަރަންޏަށް ފައިސާ ނެގިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މި ބިލުގެ ދަށުން ފިސްކަލް ޒިންމާގެ ޗާޓަރާއި، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނާއި، ބަޖެޓު ނަތީޖާ ބަޔާނާއި، ފިސްކަލް ހިރާސް ބަޔާނެއް އެކުލަވައިލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް މިނިސްޓަރ އޮފް ފިނޭންސްގެ މައްޗަށް ލާޒިމުކޮށްފައިވެއެވެ. އެގޮތުން، މި ޤާނޫނުގެ ދަށުން އެކުލަވައިލާ ފުރަތަމަ ފިސްކަލް ޒިންމާގެ ޗާޓަރު، މި ބިލު ޤާނޫނަކަށްވެ މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި އެކުލަވައިލައި، ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، މި ބިލުގައި ހުރި ކަންކަމަށް ސަރުކާރުން ޢަމަލުކުރާ މިންވަރު ވަޒަންކުރުމުގެ ގޮތުން، މާލީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ރިޕޯޓެއް އެކުލަވައިލައި، އެ ރިޕޯޓު މިނިސްޓަރ އޮފް ފިނޭންސަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އޮޑިޓަރ ޖެނެރަލްގެ މައްޗަށް މި ބިލުން ލާޒިމުކޮށްފައިވެއެވެ. އަދި ”ފިސްކަލް އިމްޕެކްޓް އެނަލިސިސް“ އެއް ހަދައި، ސަރުކާރުން ހުށަހެޅުމަށް ބަޔާންކޮށްފައިވާ ކަރުދާސްތަކާއި، އޮޑިޓަރ ޖެނެރަލް ހުށަހަޅާ ރިޕޯޓަށް ބިނާކޮށް، ސަރުކާރަށް ލަފާދިނުމުގެ މަސްއޫލިއްޔަތު ރައްޔިތުންގެ މަޖިލީހާ މި ބިލުގައި މަތިކޮށްފައިވެއެވެ.

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ރައީސް ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 މަސްދުވަސް ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: