ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް އިސްތިއުފާ ދެއްވުމަށް ގޮވާލާ އެ ޤައުމުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
ދެކުނު ކޮރެއާގައި ކުއްލި ޙާލަތު އިއުލާނު ކުރެއްވުމަށް ރައީސް ޔޫން ނިންމެވުމާ ގުޅިގެން އެ ޤައުމުގެ ސިޔާސީ މަސްރަހު ވަނީ ނުހަނު ހަލަބޮލިވެފައެވެ. ވަކިން ޚާއްސަކޮށް އެ ޤައުމުގައި ކުއްލި ޙާލަތު އިއުލާނު ނުކުރާތާ 45 އަހަރުވެފައިވާއިރު، ރައީސް ޔޫންގެ މި ނިންމެވުމާއެކު އެ ޤައުމުގެ ރައްޔިތުންނަށްވެސް ބޮޑު ޝޮކެއް ލިބިފައިވާކަމަށް ބޭރުގެ ނޫސްތަކުން ސިފަކޮށްފައިވެއެވެ.
ރައީސް ޔޫން މިހާރު ވަނީ ކުއްލި ޙާލަތު އުވާލައްވާފައެވެ. ސަބަބަކީ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އެކަމަށް ނުލިބުމެވެ. އެގޮތުން ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ އަސްކަރީ ބާރުތައް ފޫއަޅުވާލައި މަޖިލީހަށް ވަދެ، ކުއްލި ޙާލަތު އުވާލުމަށް ފާސްކޮށްފައެވެ.
ކުއްލި ޙާލަތު އުވާލެއްވިނަމަވެސް، ރައީސްގެ ކުއްލި ނިންމެވުމާއެކު ސިޔާސީ ހަލަބޮލިކަން އިތުރުވެ، ރައްޔިތުންނާ ސިޔާސީ އެކި ފަރާތްތަކުން ވަނީ މަގުތަކަށް ނުކުމެ ޔޫންގެ އިސްތިއުފާއަށް ގޮވާލަފައެވެ.
ކުއްލި ޙާލަތު އިއުލާނު ކުރެއްވި ސަބަބެއްކަމަށް ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބު ކުރައްވަމުން ރައީސް ޔޫން ވިދާޅުވީ، ދުޝްމަނުންގެ ނުފޫޒު ސަރުކާރުގެ ތެރެއަަށް ވަނުމާއި، ވަކިން ޚާއްސަކޮށް އުތުރު ކޮރެއާގެ ފުށުން އޮތް ނުރައްކާ ބޮޑުވުން ކަމަށެވެ.
އެހެންނަމަވެސް ޔޫންގެ މި ނިންމެވުމަކީ ސިޔާސީ އަމިއްލަ މަންފާ ހޯއްދެވުމަށް ނިންމެވި ނިންމެވުމެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަޑުއުފުލާފައިވެއެވެ. ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޔޫންގެ ކުއްލި ނިންމެވުމާމެދު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ލީޑަރުވެސް ހިތްހަމަޖެހިވަޑައިނުގަންނަވައެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ރައީސް ޔޫން އަޒުލު ކުރެއްވުމަށްވެސް އެ ޤައުމުގެ އިދިކޮޅު ފަރާތްތަކުން ދަނީ ވިިސްނަމުންނެވެ.
އޭގެ އިތުރުން، މި ހިނގާދިޔަ ކަންކަމާ ގުޅިގެން ދެކުނު ކޮރެއާގެ ބޮޑުވަޒީރު ހަންޑަކްސޫއާއި އެ ޤައުމުގެ އިސް އޮފިޝަލުން ވަނީ ކުއްލި ބައްދަލުވުމެއްވެސް މިހާރު ފަށާފައެވެ.
އެންމެ ފަހުން ދެކުނު ކޮރެއާގައި އަސްކަރީ ބާރު އޮންނަ ގޮތަށް ކުއްލި ޙާލަތު އިއުލާނު ކުރީ 1979 ވަނަ އަހަރުއެވެ. އެއީ އެ ޤައުމުގެ އޭރުގެ ވެރިކަން ކުރެއްވި ޕާކް ޗުންގ ހީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
މީގެެ އިތުރުން، އަންގާރަ ދުވަހު ޔޫން އިއުލާނު ކުރެއްވި ކުއްލި ޙާލަތަކީ 1987 ވަނަ އަހަރު އެ ޤައުމުން މަޖިލިސް ޤާއިމުކޮށް، ޕާލިމެންޓަރީ ޑިމޮކްރަސީއަކަށް ބަދަލުވިފަހުން އައި ފުރަތަމަ ކުއްލި ޙާލަތުވެސްމެއެވެ.

