ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިޔަށް ދާތީ، ގުޅިފަޅާއި ތިލަފުށި ދެމެދުން ކަނޑުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިޔަށް ދާތީ އެ ސަރަހައްދުން ދަތުރު ކުރުން މަނާކޮށްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އާންމު ކުރި ބަޔާނެއްގައި ބުނީ ގުޅިފަޅާއި ތިލަފުށި ދެމެދު ކަނޑުގައި ތަނބު ޖެހުމުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ފަށާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އަންގާފައިވާކަމަށެވެ.
އެ ސަރަހައްދު ބުރާސްފަތި ދުވަހުން ފެށިގެން ބަންދު ކުރުމަށް ނިންމާފައި ވާތީ، މިނިސްޓްރީން ވަނީ ކަނޑު އުޅަނދު ފަހަރުތަކުން ގުޅިފަޅާއި – ތިލަފުށި ޗެނަލް ކައިރިން ދަތުރު ނުކުރުމަށް އަންގާފަ އެވެ.
މަޝްރޫއުއާއި ގުޅޭގޮތުން ނޮވެމްބަރު މަހު ކޮންސްޓްރަކްޝަން މިނިސްޓްރީން އާންމު ކުރި މައުލޫމާތުގައި ބުނެފައި ވަނީ މި އަހަރުގެ މަސައްކަތްތަކުގެ ތެރެއިން ތަނބުތަކުގެ ޕައިލިންގެ 80 މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ޕައިލް ކެޕްގެ 68 އިންސައްތަ މަސައްކަތް ނިމި، ޕިއަރ ކޮލަމްސްގެ 62.2 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވަނީ ބުނެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ލަފާ ކުރާ ގޮތުގައި، ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ބެލެވެނީ 2026 ގަ އެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު” ނުވަތަ “ތިލަ މާލެ” ބްރިޖުގެ ނަމުން ނަންދީ ކުރިޔަށް ގެންދާ މަޝްރޫއުގެ އެކި ސާވޭތައް ކުރިޔަށް ގެންގޮސް ތާފާތު ތާރީހުތަކެއް ދިން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމިގެން ދިޔައީ ބްރިޖުގެ އެއްވެސް ފޭސްއެއް ނިންމާނުލެވި އެވެ.
ބްރިޖަށް ބޮޑު ހަރަދުތަކެއް ހިނގިއިރު 7.7 ބިލިއަން ރުފިޔާ ހަރަދުކޮށްގެން ފަށަން ގަސްތުކުރި އެ މަޝްރޫއަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފައެވެ. އަދި އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރުވެސް ހޯދާއިފައި ވެއެވެ.
އެއަށް ފަހު އައު ސަރުކާރުން ވެރިކަމާއި ހަވާލުވުމަށް ފަހު އާންމު ކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި، ރައީސް ސޯލިހު ވަނީ ދައުރު ނިމުމާއި ގާތްވެފައި ވަނިކޮށް އެއްބަސްވުން އިތުރުކޮށް 2026، ސެޕްޓެމްބަރ 30 އަށް އެ ދަންމާލާފަ އެވެ. އެހެން ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ އެ ތާރީހަށް ވެސް ބްރިޖު ނިމެނޭކެމަަށް ނުބެލެވޭކަމަށެވެ.
މަޝްރޫއު ކުރިޔަށް ދާގޮތް ރައީސް މުއިއްޒާއި، މިނިސްޓަރ އަދި ކެބިނެޓު ވަޒީރުން ވަނީ މީޑިއާތަކުގެ ހާޒިރުގައި ވެސް ބައްލަވާލައްވާފަ އެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިޔަށް ގެންދަނީ ވަރަށް ލަސްކޮށްކަމަށް ވާތީ، މަޝްރޫއު އަވަސްކޮށްދޭން އިންޑިއާގެ ސަރުކާރުގައި ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

