މި ސަރުކާރުން ސިއްޙީ ދާއިރާއަށް ބޮޑު އިންވެސްޓެއް ކުރަމުންދާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
އެންޓިމައިކްރޯބބިއަލް ރެސިސްޓަންސްއާ ބެހޭ ޤައުމީ އެކްޝަން ޕްލޭން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޕްލޭން އިފްތިތާޙު ކޮށްދެއްވާފައިވަނީ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުއެވެ.
މިނިސްޓަރ ވިދާޅުވީ، މި އިފްތިތާޙު ކުރެވިގެންދަނީ ސިއްޙީ ދާއިރާގެ އެންމެ ބޮޑު ގޮންޖެހުމުން އަރައިގަތުމަށް ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލާ ޤައުމީ ޕްލޭން ކަމަށެވެ. މިނިސްޓަރ ވަނީ މި ދާއިރާގެ މަސައްކަތްތަކުގައި ސާޖިދާ ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ، މިއަހަރު ޔޫއެންގެ ހައިލެވެލް ބައްދަލުވުމެއް ބޭއްވިފައިވާއިރު، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ރައީސްވެސް މި މައުޟޫގައި ވާހަކަ ދައްކަވާފައިވަ ކަމަށެވެ. މިކަންކަމުން ދޭހަވަނީ ދިވެހިންގެ ސިއްޙަތާމެދު ސަރުކާރުން ސަމާލުވެ އިސްކަންދޭ މިންވަރުކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ސިއްޙީ ދާއިރާއަށް ބޮޑު އިންވެސްޓެއް ކުރަމުންދާ ކަމަށާއި، ސިއްޙީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
އޭގެ އިތުރުން، އޭޝިއާ ފޯރަމް އޮން ހެލްތެ އެންޑް އެންވަޔަރމަންޓް ފޯރަމްގައި ރާއްޖެއިން ބައިވެރިވުމަށް ރައީސް ނިންމެވި ނިންމެވުމަކީވެސް މި އަމާޒުގެ ދަށުން ނިންމެވި ނިންމެވުމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިއީ ދިވެހި ރައްޔިތުންނަށް ގިނަ ފައިދާ
ހަމައެއާއެކު، ރާއްޖޭގައި ހުރިހާ ރަށެއްގައި ބޮޑު ޚަރަދެއް ކޮށްގެން ޓޮބޭކޯ ސިޒޭޝަން ކްލިނިކްތައް ޤާއިމު ކުރެއްވުމަށްވެސް ސަރުކާރުން މިހާރު ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މި ހުރިހާ މަސައްކަތްތަކެއްވެސް ކުރައްވާނީ ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ޙާސިލުވާ ގޮތަށް ކަމަށެވެ.

