މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުޠުތަކަށް ގެނައި ބަދަލުންވެސް ހިމާޔަތްކޮށްދެނީ ރައްޔިތުންގެ ޙައްޤުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަރި އަތޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އަރި އަތޮޅު އުތުރުބުރީ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޤާނޫނު އަސާސީގެ މަޤްޞަދަކީ، ދައުލަތުގެ ސިޔާދަތީ ބާރާއި އެ ބާރު ހިނގާ ސަރަޙައްދު އިޢުލާންކޮށް ކަނޑައެޅުމާއި، ރައްޔިތުންގެ ބާރު ކަނޑައެޅުމާއި، ރައްޔިތުންގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމާއި، ދައުލަތުގެ ޤާނޫނީ ވެރިކަން ހިންގުމުގެ ނިޒާމާއި ތަރުތީބާއި އިންތިޒާމުތައް ކަނޑައެޅުންކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤާނޫނު އަސާސީއަށް ބަދަލުގެނެސްފައިވަނީ، ރައްޔިތުންގެ ދިފާޢުގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވުމުގެ ޝަރުޠުތަކަށް ގެނައި ބަދަލުންވެސް ހިމާޔަތްކޮށްދެނީ ރައްޔިތުންގެ ޙައްޤުތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މެމްބަރުން އިންތިޚާބުގައި ވާދަކުރަނީ ވަކި ފިކުރެއް ނުވަތަ ޕާޓީއެއް ތަމްސީލުކުރާ މީހެއްގެ ގޮތުންކަމަށާއި، އެހެންކަމުން، އިންތިޚާބުވާ މެންބަރާ ދާއިރާގެ ރައްޔިތުންނާ ދެމެދު ވަނީ އަހުދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ ޢަހުދުގައި މެންބަރު އެއްބަސްވަނީ ޤާނޫނު އަސާސީގައި ބުނާ މަސްއޫލިއްޔަތު އަދާކުރުމަށްކަމަށާއި، ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުގެ ސަބަބުން މެންބަރުން ވީ އަޙުދު ހިމާޔަތްކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާނޫނު އަސާސީއަށް އިޞްލާޙެއް ގެނައުމުގެ ކުރިން ރައްޔިތުންގެ ވޯޓުން ފާސްކުރަންޖެހޭ ޙާލަތްތަކަށް ރިޢާޔަތްކުރައްވަމުން، ފެންނަ ނުފެންނަ ވޯޓާމެދު ގޮތް ނިންމުމަށް، މަދު މީސްކޮޅެއްގެ މުށުތެރޭގައި އޮތް ބާރު، ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙާއެކު ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތަށް ގެނައި ބަދަލަކީވެސް، ދިގު ރާސްތާގެ އަދި ކުރު ރާސްތާގެވެސް ތަރައްޤީގެ ޕްލޭންތައް ހެދުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކުރެވިފައި ނުވާތީ، އެކަމަށް ގެނައި އިޞްލާޙެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވަނީ 20 ނޮވެންބަރު 2024 ގައެވެ.

