ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ޤައުމު ދޫކުރައްވައި ވަޑައިގެންނެވީ ރަޝިއާއަށްކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން ވެރިރަށް ދިމިޝްޤު ދޫކުރައްވައި ބައްޝާރު ވަޑައިގެންފައިވަނީ ރަޝިއާގެ ވެރިރަށް މޮސްކޯއަށެވެ. އަދި ރަޝިއާގެ ސަރުކާރުން މިހާރު ބައްޝާރުއާއި އޭނާގެ އާއިލާއަށް ހިމާޔަތް ދީފައިވާކަމަށް ރަޝިއާގެ ދައުލަތުގެ މީޑިއާއާ ޙަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.
ރަޝިއާއަކީ ބައްޝާރުގެ ވެރިކަމަށް އެއްބާރުލުން ދެމުން އައި ޤައުމެކެވެ.
ސިރިއާއަކީ މެދުއިރުމަތީގެ އެންމެ މެދުތެރޭގައި އޮންނަ ޤައުމުކަމަށްވުމާއެކު، ސީރިއާގައި ހިނގަމުންދާ ކަންކަމުގެ އަސަރު ސަރަޙައްދީ ގޮތުން ވަށައިގެންވާ ޤައުމުތަކަށްވެސް ކުރާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.
ސީރިއާގެ 14 އަހަރުވީ ހަނގުރާމައަކީ އެ ޤައުމުގެ އެތެރޭގެ މަދަނީ ހަނގުރާމައެއްގެ ގޮތުގައި ފެށި ފަހުން މުޅި ސަރަޙައްދަށް ފެތުރިގެން ދިޔަ ހަނގުރާމައެއްކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.
ރިޕޯޓުތަކުގައިވާގޮތުން އެތަކެއް ހާސް ބަޔަކުވަނީ ރަށުތެރޭގައި އެއްވެ މިނިވަންކަމަށް ގޮވާލާފައެވެ. މީޑިއާތަކާއި ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވާގޮތުން ޖަލުތަކުގައި ތިބި މީހުން މިނިވަންވުމާއި ނާއިންސާފުވެރިކަމުގެ ދައުރެއް ނިމިގެންދިއުމަށް އެ ފަރާތްތަކުން މަރުހަބާ ކިޔައެވެ.
ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިން އެ ގައުމުގެ ވެރިރަށަށް ހަމަލާ ބަދަލުކުރުންތަކަކާއި ނުލައި ވަދެގަނެފައިވާއިރު، ސީރިއާގައި މިވަގުތު ލީޑު ކުރަމުންދަނީ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތުގެ ވެރިޔާކަމަށްވާ މުޙައްމަދު އަލް ޖައުލާނީއެވެ.

