ރާއްޖޭގައި ވިސާއާއި ނުލައި ދިރިއުޅެމުން ދިޔަ ފްރާންސްގެ އާއިލާއިން ބޭނުން ވަނީ ރާއްޖޭގެ ރަށްވެހިކަން ނުލިބޭނަމަ ފުރައިގެން ދާންކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
މިދިޔަ 12 އަހަރު ރާއްޖޭގައި އުޅެމުން އައި އެ އާއިލާގެ ވާހަކަތައް ރާއްޖޭގެ އޮންލައިން މީޑިއާ ”މިހާރު“ ނޫހުގައި ޝާއިއު ކުރުމުގެ ކުރިޔަށް ވެސް އެ މައްސަލަ ޝަކުވާއެއްގެ ގޮތުގައި އިމިގްރޭޝަން ވޮޗްއަށް ވަނީ ހުށަހަޅާފަ އެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު ވިދާޅުވި ގޮތުގައި، މި މައްސަލަ އެ މުވައްސަސާއަށް މިދިޔަ ޖުލައި މަހު ރިޕޯޓުކޮށްފައި ވާތީ ސެޕްޓެމްބަރު މަހު އެ އާއިލާގެ އިސް މީހާއާއި ބައްދަލު ކުރި އެވެ. އަދި އާއިލާގެ އަތުގައި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް އޮތުމުން އެ މީހުން ފުރުވާލުމުގެ، މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ.
އާއިލާ ފުރުވާލަން އުޅޭތީ، އެކަމާ ދެކޮޅަށް ބައެއް ދިވެހިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.
މި މައްސަލައިގައި މިވަގުތު އަމަލު ކުރަމުން ދަނީ ކިހިނެއްތޯ ސުވާލު ކުރުމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާއިލާއިން ބޭނުން ވަނީ ދިވެހި ރަށްވެހިކަން ދިނުމަށް ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރާނީ އިމިގްރޭޝަނުން ނޫންކަމާއި، ސިޓިޒެންޝިޕް ގާނޫނު ތަންފީޒު ކުރާނީ ފޮރިން މިނިސްޓްރީންކަމަށް މައުލޫމާތު ދިނެވެ.
މިކަމުގައި އެއްވެސް ހުށަހެޅުމެއް ފޮރިން މިނިސްޓްރީއަށް އާއިލާގެ ފަރާތުން ހުށަހަޅާފައިވާކަން ސާފެއް ނުވެއެވެ. އެކަމަކު އާއިލާ ފުރުވާލުމަށް ބޭނުންވާ ޓްރެވެލް ޑޮކިއުމަންޓު ހޯދުމުގެ މަސަައްކަތް ފޮރިން މިނިސްޓްރީއާއި ގުޅިގެން ކުރިޔަށްދާކަމަށް ޝަމްއާން ވިދާޅުވެފައި ވެއެވެ.
ޝަމްއާން ވިދާޅުވީ އާއިލާގެ ލިޔެކިއުންތައް ލިބުނުހާ އަވަހަކަށް އެ މީހުން ފުރުވާލުމަށް ހަމަޖެހިފައިވާކަމަށެވެ. ޝަމްއާން ވިދަޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅުމުގެ ފުރުސަތު އިމިގްރޭޝަނުން އެއްވެސް ފަރާތަކަށް ނުދޭނެކަމަށެވެ.
މީގެއިތުރުން އެ މީހުން ފުރުވާލާއިރު ވަކި ގައުމަކަށް ދާން މަޖުބޫރު ނުކުރާނެކަމަށް ޝަމްއާން ވިދާޅުވި އެވެ.

