ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް، ވިޔަފާރި ކުރަމުން ދިޔަ އިތުރު ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގަނެފި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު އަތުލައިގަނެފައި ވަނީ ވެސް މިފަދަ ވިޔަފާރިތަކުގައި އުޅެނިކޮށެވެ. އެގޮތުން މުޑުދާރުކޮށް އެއްވެސް ސާފުތާހިރުކަމެއް ނެތި ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަ ކުޑަ ގޮޅިތަކުގެ ފޮޓޯއާއި ވީޑިއޯ ވެސް އިމިގްރޭޝަނުން އާންމު ކުރި އެވެ.
ދުވަސްތަކަށް ފަހު އަނެއްކާވެސް ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގަނެފައި ވަނީ ހެންވޭރުންނެވެ.
ލިބުނު ރިޕޯޓަކާއި ގުޅިގެން، ހެންވޭރުގެ ގެއެއް ބަލައި ފާސްކުރުމަށް ފަހު ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މިއަދު ވެސް އިމިގްރޭޝަން އާންމު ކުރި ފޮޓޯތައް ދައްކާ ގޮތުން ދިވެހިން އާންމުކޮށް ބޭނުން ކުރާ ތެލުލި ފަތް، ފޯއްޕެކެޓާއި، ކިއްލި އަދި ހެލެނބެލި ހުތް ޕެކެޓު ތައްޔާރު ކުރަމުން ދިޔައީ އެއްވެސް މިންވަރަކަށް ސާފުތާހިރުކަމެއް ނެތް ތަނެއްގަ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފެށި މަސައްކަތުގެ ތެރެއިން މިހާތަނަށް ޑީޕޯޓު ކުރި މީހުންގެ އަދަދު ފަސްހާހުން މައްޗަށް އަރަ އެވެ. އަދި ގިނަ ބަޔަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބަހައްޓައި ފުރުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މިހާތަނަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ނުތާހިރުކޮށް، މުޑުދާރު ތަންތަނުގައި ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަ ގިނަ ބިދޭސީން ހިފަހައްޓާފައި ވެއެވެ.
ބިދޭސީންގެ މައްސަލަތައް ރިޕޯޓު ކުރެވޭ އިމިގްރޭޝަން ވޮޗް ޕްލެޓްފޯމަށް ލިބޭ ރިޕޯޓުތަކާއި، އަދި އިންޓެލިޖެންސް މައުލޫމާތުތަކުގެ މައްޗަށް ރެއިޑު ކުރި އެފަދަ އެކި ކުދިކުދި ގޮޅިތަކުގައި ތައްޔާރު ކުރަމުން ދިޔައީ ދިވެހިން އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ތަފާތު އެކި ބާވަތްތަކުގެ ކާބޯތަކެއްޗެވެ. އޭގެ ތެރޭގައި ސްކޫލު ދަރިވަރުންނާއި، އޮފީސްތަކުގެ މުވައްޒަފުން ގަންނަ ސަބްމެރިން، ބާގަރ، ސޭންޑްވިޗް އަދި ހެދިކާއާއި ކާޖާގެ ބާވަތްތައް ހިމެނެ އެވެ.

