ދިވެހި ފުލުހުންގެ ޚިދުމަތާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއީ މި ދެ މުޢައްސަސާ ގުޅިގެން މަސައްކަތްކުރުމަށްޓަކައި އެއްބަސްވެވުނު އެއްބަސްވުމެކެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި، ފަހުމުނާމާގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝަހީމް ދެއްކެވި ވާހަކަފުޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތަކީ އިސްލާމިކް މިނިސްޓްރީއަކީ ގުޅިގެން، އެކުއެކީގައި މަސައްކަތްކުރައްވާ މުއައްސަސާއެއްކަން ފާހަގަކުރައްވައި، ޚާއްސަކޮށް ކޮމިޝަނަރ ޝުޖާޢުގެ ލީޑަރޝިޕްގައި މި ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖޭގެ އަމާންކަން ދެމެހެއްްޓުމަށްޓަކައި އަދި ރަނގަޅު ހެޔޮ ފިކުުރު ދެމެހެއްޓުމަށްޓަކައި ދިވެހި ފުުުހުންގެ ޚިދުމަތުން ކުރައްވަމުން ގެންދަވަނީ ވަރަށް ބުރަ، އަދި އެހާމެ ބޮޑު ޤައުމީ ޚިދުމަތެއްކަމުގައި ވިދާޅުވެ، މި ވުޒާރާގެ މަސްއޫލިއްޔަކީ އެ މުއައްސަސާއިން ކުރައްވަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ދެއްވުންކަން ފާހަގަކުރެއްވިއެވެ. އަދި މިނިސްޓްރީން އެ މުވައްސަސާއަށް އަބަދުވެސް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ އަރުވާފައެވެ.
ޝުޖާޢު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ މުޖުތަމަޢު އަމާން މުޖުތަމަޢަކަށް ހެދުމަށް އެ ޚިދުމަތުން ކުރައްވަމުންދާ މަސައްކަތުގައި އިސްލާމިކް މިނިސްޓްރީން އަބަދުވެސް ދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްކަން ފާހަގަކުރެއްވިއެވެ. އަދި ފުލުހުންނަކީ ދީނީ ގޮތުން ޤާބިލް ބަޔަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ވެސް މިނިސްޓްރީގެ ފުރިހަމަ އެެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން ދެއްވާފައިވާތީ އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި އުންމީދަކީ އެކަޑަމިކް ޕްރޮގްރާމްތަކުގައި އޮފިސަރުންނަށް މިހާރަށްވުރެ އިތުރަށް ފުރުސަތުތައް ލިބިގެން ދިއުންކަމަށް ވިދާޅުވިއެވެ.

