ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ކުރިޔަށް ގެންދާ ތަހުޤީޤަށް ޖާގަދީ ފުރިހަމަޔަށް އެހީތެރިވުމުގެ ގޮތުން އެމްޑަބްލިޔުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު ސަސްޕެންޑް ކޮށްފިއެވެ.
މިއީ އެމްޑަބްލިޔުއެސްސީގެ ބޯޑުގެ ނިންމުމެކެވެ.
މިކަން ހާމަކޮށް އެމްޑަބްލިޔުއެސްސީއިން ބުނީ ފަޒީލް މިހާރު ވަނީ މިއަދުން ފެށިގެން ހުރިހާ ޒިންމާ ތަކަކުން އެކަހެރިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިކަމަށެވެ.
ފަޒީލްއަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެއެވެ.
ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ފަޒީލްގެ ނަން ނެތްއިރު، އޭނާއަކީ ގޯއްޗަށް ޝަރުތު ހަމަވާ މީހެއްވެސް ނޫނެވެ. ނަމަވެސް އޭނާ ވަނީ ގޯތި ލިބިފައިވާ ކަމަށް ބުނާ ރަޖިސްޓްރީއަކާއިއެކު، އެ ބިމުގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް އެޗްޑީސީގައި އެދިފައެވެ.
އިތުރު އެހެން މީހަކުވެސް އެ ބިމުގައި ވަށާފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާތީ މިކަން ސާފުކުރުމަށް އެޗްޑީސީއިން ވަނީ މި މައްސަލަ އިތުރަށް ސާފުކުރުމަށް ހައުސިން މިނިސްޓްރީއަށް ފޮނުވާފައެވެ.
ހައުސިން މިނިސްޓްރީއިން މި އަހަރުގެ އޯގަސްޓް 15 ގައި އެޗްޑީސީގެ ސިޓީއަށް ދިން ޖަވާބުގައި އޮތީ އެއީ ބިންވެރިޔާ ލިސްޓުގައި ހިމެނޭ ބައެއް ނޫން ކަމަށާއި އެ ދެ ގޯއްޗަކީ އެއްވެސް މީހަކަށް ދީފައި އޮތް ދެ ގޯތި ނޫން ކަމަށެވެ. މި މައްސަލަ ފެންމަތިވެ، މިހާރު ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މައްސަލައިގައި ފަޒުލް އާއި، އެޗްޑީސީގެ ބޯޑު ވެސް މިހާރު ވަނީ ވަނީ ސަސްޕެންޑްކޮށްފައެވެ.

