އއ މާޅޮހު ކައުންސިލުގެ އިދާރާގެ ބެންކު އެކައުންޓުތަކާއި ތިޖޫރީއިން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ނަގާފައިވާ 400،000 އަށްވުރެ ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާކަމަށް އޮޑިޓާރ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އާންމުކޮށްފައިވާ އއ މާޅޮހު ކައުންސިލުގެ ހާއްސަ އޮޑިޓު ރިޕޯޓުގައި މާލީ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފާހަގަކުރެވިފައިވާ ބައެއް މައްސަލަތަކަށް އަލިއަޅުވާލާފައިވެއެވެ. އޮޑިޓުން ބުނެފައިވާގޮތުން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭގައި ކައުންސިލުގެ އިދާރާގެ ބޭނުންތަކަށް ތިޖޫރީންނާއި ބެންކު އެކައުންޓުތަކުން ނަގާފައިވާ ފައިސާގެ ތެރެއިން 492،867 ރުފިޔާ ގެއްލިފައިވާކަމަށެވެ.
މި ފައިސާގެ ތެރޭގައި ހިމެނެނީ ކައުންސިލުގެ އިދާރާގެ ބެންކު އެކައުންޓުން ނެގުމަށްފަހު ތިޖޫރީއަށް ވައްދާފައިނުވާ 255،584 ރުފިޔާގެ އިތުރުން ކައުންސިލުގެ އެކި ބޭނުންތަކަށް ކަމަށްބުނެ ލިޔެކިޔުން އޮޅުވާލައިގެން ބެންކު އެކައުންޓުން ނެގި 112،500 ރުފިޔާ އަދި އެ ކައުންސިލުގެ މުއައްޒަފުންނަށް މުސާރައާއި އެލޮވެންސް ދޭންޖެހޭ ވަރަށްވުރެ އިތުރަށް ތިޖޫރިންނާއި ބެންކު އެކައުންޓުން ނަގާފައިވާ 82،579 ރުފިޔާކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ކައުންސިލުގައި ހުރިި ނަގުދު ފައިސާގެ ތެރެއިން ބެންކު އެކައުންޓަށް ޖަމާކުރަންކަމަށް ބުނެ ނަގާފައިވާ 42،204 ރުފިޔާވެސް ހިމެނޭކަމަށާއި އެ ފައިސާ ޖަމާކޮށްފައިނުވާކަމަށްވެސް ރިޕޯޓުގައިވެއެވެ.
255،584 ރުފިޔާ ނަގާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައި އެކި ފަހަރުގެ މަތިން 8 ޗެކަކުން ކަމަށްވާއިރު އެ ފައިސާ އެއީ ކޮން ބޭނުމެއްގައިކަން އެނގެން ނެތްކަމަށާއި ހަރަދުކުރި ގޮތް އެނގޭ އެއްވެސް ލިޔެކިއުމެއް ކައުންސިލުން ފެންނަން ނެތްކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ފައިސާ ކައުންސިލުގެ ތިޖޫރީއަށް ވަދާފައިނުވާކަން ތިޖޫރީގެ ހިސާބު ބަލަހައްޓާ ފޮތުން އެނގޭކަމަށާއި
ކައުންސިލުގެ ބެންކު އެކައުންޓުން 112،500 ރުފިޔާ ނަގާފައިވަނީ ލިޔެކިއުން އޮޅުވާލައިގެންނާއި ފޯޖުކޮށްގެންކަމަށްވެސް އޮޑިޓުން ބުނެފައިވެއެވެ. މި އަމަލު ހިންގާފައިވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގައިކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ފައިސާ ނަގާފައިވަނީ ލިޔެކިއުންތައް ފޯޖުކޮށްގެންނާއި އޮޅުވާލައިގެން ފައިސާ ނަގަންޖެހޭ އަދަދަށްވުރެ ބޮޑު އަދަދެއް ބެންކަށް ހުށައެޅި ޗެކުތަކުގައި ހިމަނައިގެންކަން ހާމަކޮށްފައިވެއެވެ.
2017 ވަނަ އަހަރާއި 2018 ވަނަ އަހަރު އެ ކައުންސިލުގެ އިދާރީ މުއައްޒަފެއްގެ މަގާމުގައި ހުރި މީހަކު ކައުންސިލުގެ މާލިއްޔާތުން ގާތްގަނޑަކަށް ދެ ލައްކައެއްހާ ރުފިޔާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރިކަން އެ އިދާރާއިން ހިންގި އިންޓާރނަލް އޮޑިޓެއްގައި އިއުތިރާފުވެފައިވާކަންވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

