ބިންވެރިޔާ ސްކީމާއި ގުޅުން ހުރި މައްސަލައިގައި އިންސާފްވެރި މިނިވަން ތަހުގީގުތަކެއް ހިންގުމަށް ޓްރާންސްޕެރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.
ބިންވެރިޔާ ސްކީމުގެ މަސައްކަތްތަކުގެ ތެރެއިން ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ބައެއް މައްސަލަތައް ފާހަަގަކުރެވުމާއި ގުޅިގެން ޓްރާންސްޕެރެންސީއިން ނެރިފައިވާ ބަޔާނުގައި ބުނެފައިވާގޮތުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތެރެއިން ދައުލަތުގެ އިސް މަގާމުތަކެއްގައި ތިބި ބަޔަކު ސަސްޕެންޑުކުރުމުން މައްސަލައިގެ ހައްސާސްކަން ހާމަވެގެންދާކަމަށެވެ.
އެ ޖަމިއްޔާއިން ބުނެފައިވާގޮތުން މިކަމުގެ ސަބަބުން ދައުލަތުގެ އިދާރާތައް ހިންގުމާއި ބެލެހެއްޓުމާއި ގުޅޭގޮތުން ބޮޑެތި ސުވާލުތަކެއް އުފެދިގެންދާކަމަށާއި މިނިވަން މުއައްސަސާތަކުން އަދާކުރަންޖެހޭ ރޯލުގެ މުހިންމުކަން ފެނިގެންދާކަމަށެވެ. އަދި ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ މަސައްކަތްތައް ފެށުނީއްސުރެވެސް ކޮރަޕްޝަނާއި އޮޅުވާލުމުގެ ބޮޑެތި ތުހުމަތުތައް ފެންމަތިވަމުން އަންކަމަށްވެސް ބުނެފައިވެއެވެ.
ޓްރާންސްޕެރެންސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ރިޔާސީ އިންތިހާބާއި ގާތްވެފައިވަނިކޮށް ސްކީމަށް ފުރުސަތު ހުޅުވާލާފައިވުމުގެ އިތުރުން އެޕްލައިކުރުމަށްފަހުވެސް ޝަރުތު ހަމަވާ މިންގަނޑުތަކަށް ތަކުރާރުކޮށް ބަދަލުތައް ގެނެސްފައިވުން ހިމެނެއެވެ. އަދި މިކަންކަމުގެ ސަބަބުން ސަރުކާރުތަކުން ހިންގާ މިފަދަ ސްކީމްތަކުގެ އަސްލު މަގުސަދާއި އިންސާފުވެރިކަމާއިމެދުވެސް ގިނަ ސުވާލުތައް އުފެދިގެންދާކަމަށް ބުނެފައިވެއެވެ.
ސިިޔާސީ ގޮތުން ހުށައެޅިފައި ފަރާތްތައް ނުވަތަ ޕޮލިޓިކަލީ އެކްސްޕޯޒްޑް މީހުން މަގާމަށް ހޮވުމާއި، އެފަދަ މަގާމުތަކުގައި ތިބޭ މީހުންގެ ލިސްޓެއް އާންމުނުކުރުމަކީ މަސްލަހަތު ފުށު އަރާ ހާލަތުގައި ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް މަގުފަހިވާ ކަމެއްކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ ފަރާތްތަކަށް ފައިދާ ލިބޭ ހާލަތުގައި އެ މައްސަލަތައް ބެލުމުގައިވެސް ހުރަސްއެޅުމަށް ފުރުސަތު އޮންނަކަމަށް ހިއްސާކޮށްފައިވެއެވެ.
އެ ޖަމިއްޔާއިންވަނީ މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ބައެއް ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. އެގޮތުން މިފަދަ މައްސަލަތައް މިނިވަންކަމާއި ހާމަކަންބޮޑު ގޮތެއްގައި ތަހުގީގުކޮށް ހިޔާނާތްތެރިވާ ފަރާތްތަކަށް ގާނޫނީ އިމުގެ ތެރެއިން ހައްގު އަބަދު ދިނުން ހިމަނާފައިވާއިރު، ކޮރަޕްޝަންގެ އަމަލުތައް ހިންގުމާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ އިތުރުން ވިސަލްބްލޯކުރާ ފަރާތްތައް ރައްކައުތެރިކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްވެސް ގޮވާލާފައިވެއެވެ. އެ މުއައްސަސާއިންވަނީ މިގޮތުންވެސް އިތުރު އެހެނިހެން ގުޅުންހުރި ސިޔާސަތުތައް ތަންފީޒުކުރުމަށް ގޮވާލާފައެވެ.

