ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ކައުންސިލްތަކަށް ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތަކީ 2023 ވަނަ އަހަރު ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްއިން މަތީ ވަނަތައް ޙާޞިލް ކުރި ކައުންސިލްތަކަށް ކަންގަތި އެވޯޑް ދިނުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެކެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލްއެވެ. މީގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް، މިނިސްޓަރ އޮފް ސިޓީސް ލޯކަލްގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ޢުމަރާއި، ވުޒާރާތަކުގެ ވަޒީރުންނާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލްއާއި، މިނިވަން މުއައްސަސާތަކުގެ ވެރިންނާއި، ބޭރުގެ ސަފީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނާއި، ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންގެ އިތުރުން އޮތޯރިޓީގެ ބޯޑު މެމްބަރުންނާއި އޮތޯރިޓީގެ މުވައްޒަފުން ވަނީ މި ހަފްލާގައި ބައިވެރިވެވަޑައިގަންނަވާފައެވެ.
ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ ހިންގުންތެރިކަމާއި ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ މި ޚާއްޞަ ރަސްމިއްޔާތުގައި 15 ކައުންސިލަކުން ޖުމްލަ 22 އެވޯޑު ހާޞިލްކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި 2023 ވަނަ އަހަރުގެ ޕާފޯމެންސް އިންޑެކްސްގެ ރޭންކިންއަށް ބަލައި އަތޮޅު ކައުންސިލްތަކަށް ދެވޭ ގަދަހަމާންތި ދަރަޖައާއި، ރަށު ކައުންސިލުތަކަށް ދެވޭ ރަނަހަމާންތި ދަރަޖައިގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ އަށް ދެވޭ ކަންގަތި އެވޯޑާއި، 2023 ވަނަ އަހަރު ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ހެޔޮ ހިންގުމުގެ އަސާސްތައް ކުރިއަރުވައި، ނަމޫނާ ރަށްވެހި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދީފައިވާތީ، ސިޓީ ކައުންސިލަށް ދެވޭ ހިރިހަމާންތި އެވޯޑް ވަނީ ދެވިފައެވެ. މީގެ އިތުރުން 2023 ވަނަ އަހަރުގެ ޕާފޯމެންސް އިންޑެކްސްގެ ސަބް އިންޑެކްސްތަކުން ވަނަވަނައަށް އައިސްފައިވާ ކައުންސިލްތަކަށް ދެވޭ މާރާދަ ހަނދާނީ ފިލައާއި ފާއިތުވެދިޔަ އަހަރުގެ ރޭންކިންއާ އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އަތޮޅު އަދި ރަށު ކައުންސިލަށް ކާންނާ ހަނދާނީ ފިލާ ވަނީ ދެވިފައެވެ.
މި ރަސްމިއްޔާތުގައި ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސް 2023 ގެ ނަތީޖާ ފޮތް ވަނީ ނެރެފައެވެ. މި ފޮތް ނެރެދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެޙެމާން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޑޮކްޓަރ ޢަބްދުﷲ ޚަލީލްއެވެ.
ކަންގަތި އެވޯޑް ދިނުމުގައި ބޭނުންކުރެވޭ މިންގަނޑު، ލޯކަލް ޕަރފޯމަންސް އިންޑެކްސްއަކީ، ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް 2015 ވަނަ އަހަރު ތަޢާރަފުކުރެވުނު ޚާއްޞަ އިންޑެކްސެކެވެ. މި އިންޑެކްސްގެ އެހީގައި، ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފެދިފައިވާ ރަށު އަދި އަތޮޅު ކައުންސިލްތަކުގެ މަސައްކަތްތައް މިންކޮށް ވަޒަންކުރެވެމުންދެއެވެ. އަދި މި އިންޑެކްސް މެދުވެރިކޮށް، އަހަރަކު އެއްފަހަރު ރަށު އަދި އަތޮޅު ކައުންސިލްތަކުގެ ޕަރފޯމަންސް މޮނިޓަރކޮށް، ދަރަޖަކުރެވެމުންދެއެވެ.
މީގެ އިތުރުން، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން، ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުތަކާ ގުޅިގެން، ކައުންސިލްތަކުގެ ޕަރފޯމަންސް މިންކުރުމުގައި ޢަމަލުކުރަމުންދާ އުސޫލުތައް މުރާޖަޢާކުރެވިފައިވެއެވެ. މިގޮތުން، ކުރިއަށް އޮތް އަހަރު ރަށު އަދި އަތޮޅު ކައުންސިލްތަކާ އެއްފަދައިން، ސިޓީ ކައުންސިލްތަކުގެ ޕަރފޯމަންސް މިންކުރުމުގެ މަސައްކަތްވެސް ފެށިގެންދާނެއެވެ.

