މި އަހަރު ލިބިފައިވާ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެގެންދިއުންކަމަށާއި ސަބަބަކީ ރައީސް ކޮރަޕްޝަނާއި ދެކޮޅަށް ނެންގެވި ސްޓޭންޑުކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާލުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު މުސްތަފާ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު މަޖިލީހުގެ ބާރުވެރިކަން އޮތީ އެމްޑީޕީގެ އަތުގައިކަމަށެވެ. އޭގެ ސަބަބުން ވަރަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުނުކަމަަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހުނުކަމަށެވެ. އޭނާ ވިދާޅުވީ، 2024 ވަނަ އަހަރުގެ ބަޖެޓު ފާސްވެގެންދިޔައިރު ސަރުކާރުން އެދޭ ގޮތަށް އެކުލަވާލެވިފައި ނުވުމުގެ ސަބަބުން އެކަމުގެ ދަތިކަމާއިވެސް ހަގީގަތުގައި ކުރިމަތިލާންޖެހުނުކަމަށެވެ.
މެމްބަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށްޓަކައިވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހުނުކަމަށާއި ރާއްޖޭގެ ދަރަނީގެ ހާލަތުން އަރައިގަތުމާއި ރާއްޖޭގެ އާންމު ވިޔަފާރިތަކަށް ސަރުކާރު ދަރާފައި އޮތުމުގެ މައްސަލަވެސް ހައްލުކުރަން ޖެހުނުކަމަށެވެ.
މުސްތަފާ ވިދާޅުވީ، މަސްވެރިންނަށާއި ބޭރުގެ ގައުމުތަކަށް ދައްކަންޖެހޭ ދަރަނިތައް ކޮންމެ މަހަކުން ނުވަތަ ދެ މަހުން އެތައް މިލިއަން ޑޮލަރެއް ދައްކައިގެން އެކަމުން ސަލާމަތްވުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރަންޖެހުނު، ކަމަށެވެ. އެހެންކަމުން މި އަހަރު ވެގެންދިޔައީ ވަރަށް އުނދަގޫ އަހަރަކަށް ކަމަށާއި ލިބިފައިވާ އެންމެ ބޮޑު އުފާވެރިކަމާއި އެންމެ ބޮޑު އެއް ކާމިޔާބީއަކީ ސަރުކާރަށް މީގެ ކުރިން ރައްޔިތުންގެ ތެރޭގައި އޮތް ވަރަށްވުރެ އިތުބާރު އިތުރުވެފައިވުންކަމަށެވެ.
އޭނާ ވިދާޅުވީ، ސަރުކާރާއިމެދު ރައްޔިތުން ގެންގުޅޭ އުންމީދު ކުރިއަށްވުރެ މަތިވެއްޖެކަމަށެވެ. މެމްބަރު ވިދާޅުވީ، ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ރައީސް ނެންގެވި ސްޓޭންޑާއި ބަނގުރޫޓުނުވެ ފައިސާ ޗާޕުނުކޮށް އިގްތިސާދު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރި މަސައްކަތްތަކާއި މަސްވެރިންނަށް ދޭންޖެހޭ ފައިސާތައް ދީ ނިންމުމަކީވެސް އެކަމުގެ ފަހަތުގައިވާ ސަބަބުތައްކަމަށެވެ. އެހެންކަމުން އެންމެ ބޮޑު އެއް އުފަލަކީ ޕީއެންސީއަށް ރައްޔިތުން ތެރޭގައި ތަރުހީބު ބޮޑުވެގެންދިއުމާއި ރައީސް މުއިއްޒުއަށް ރައްޔިތުންގެ ތެރޭގައި އިތުބާރާއި އުންމީދު އިތުރުވެގެންދިއުންކަމަށެވެ. މުސްތަފާ ވިދާޅުވީ، 2025 ވަނަ އަހަރުވެގެންދާނީ އެ އުންމީދުތަކުގައި ކުލަޖެހި އިންދި އޮއްތަކުގެ މޭވާ އަޅައި މައުތައްވެސް ފޮޅިގެންދާ މަންޒަރު ފެންނަ އަހަރަކަށް ކަމަށް ފާހަގަކުރެއްވިއެވެ.

