އިތުރު ޤައުމުތަކުން ބްރިކްސްއާ ގުޅެން ނިންމާފައިވާކަމަށް ރަޝިއާއިން ބުނެފިއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އަލަށް ގުޅެން ނިންމާފައިވާ ޤައުމުތައް ރަސްމީކޮށް ބްރިކްސްއާ ގުޅޭނީ 1 ޖެނުއަރީ 2025 ގައެވެ. އެގޮތުން 9 ޤައުމަކުން މިހާތަނަށް ބްރިކްސްއާ ގުޅެން ނިންމާފައިވާކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ.
އޭގެ ތެރޭގައި ބެލަރުސް، ބޮލީވިއާ، އިންޑޮނޭޝިއާ، ކަޒަކިސްތާން، ކިއުބާ، މެލޭޝިއާ، ތައިލެންޑް، ޔުގެންޑާ، އަދި އުޒްބެކިސްތާން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
ބްރިކްސް ރަމްޒުކޮށްދެނީ، ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ ކުރުކޮށްލައިގެންނެވެ.
މި ގްރޫޕް ވުޖޫދުވީ 2006 ގައެވެ. ބްރެޒިލް، ރަޝިޔާ، އިންޑިއާ އަދި ޗައިނާ ފުރަތަމަ ބްރިކް ސަމިޓް ގައި ބައްދަލުވީ 2009 ގައެވެ. ސައުތު އެފްރިކާ ބައިވެރިވީ އޭގެ އަހަރެއް ފަހުންނެވެ. އެއާއެކު ބްރިކް ބްރިކްސް އަށް ބަދަލުވިއެވެ.
މި އިއްތިހާދުގެ މަޤްޞަދަކީ ހުޅަނގުގެ އިޤްތިޞާދީ އަދި ސިޔާސީ މޮނޮޕޮލީއަށް ގޮންޖެހުމެވެ. މި ގްރޫޕުން އަހަރަކު އެއްފަހަރު ސަމިޓެއް ބާއްވައި، އިސްކަންދޭ ކަންތައްތައް ކަނޑައަޅައި މަޝްވަރާކުރެއެވެ. މެންބަރު ޤައުމުތަކުން ބުރުޖަހާ އުސޫލުން މި ސަމިޓް ހޯސްޓްކުރެއެވެ. މިއީ މިގޮތުން ބޭއްވޭ 16 ވަނަ ސަމިޓެވެ.

