ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފައްޓަވައި ދައުރުގެ ތެރޭގައި ނިންމަވާ އެތަންތަން ރައްޔިތުންނާއި ހަވާލުކުރައްވާނެ ރައީސްއަކީ، ރައީސް ޑރ މުހައްމަދު މުއިއްޒުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ޒަރީރުވަނީ، ދިވެހިރާއްޖޭގެ ހިންގާ ތަރައްގީގެ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން ހައުސިންގ މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ލިޔެކިއުންތައް ގެއްލިފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ، އެކަމާއި ހާސްވާން ނުޖެހޭކަމަށާއި މިޒަމާނުގައި ލިޔެކިއުންތައް ބަހައްޓަނީ ހާޑް ކޮޕީގެ ގޮތުގައި ނޫންކަމަށެވެ. ޒަރީރު ވިދާޅުވީ، މައުލޫމާތުތައް ސާވާތަކުގައި ފޮރުވާކަމަށާއި މި ޒަމާނުގައި އަމިއްލަ ކުންފުނިތަކުންވެސް އަމަލުކުރާނީ އެގޮތަށް ކަމަށެވެ.
މެމްބަރު ވިދާޅުވީ، ލިޔެކިއުންތަކެއް ގެއްލިފައިހުރެދާނެކަމަށް ބުނެ ވާހަކަތަކެއް ދެކެވެނީ ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުމާއި ސަރުކާރާއި ދޭތެރޭ ނަފްރަތު އުފެއްދުމުގެ ނިޔަތުގައިކަމަށެވެ. އޭނާ ވިދާޅުވީ، މިއަހަރުގެ ބަޖެޓަށް ބަލާލުމުންވެސް ރައީސް ޑރ މުއިއްޒު ގެދޮރުވެރިކަމަށް ހާއްސަކޮށް އަހައްމިއްޔަތުދޭވަރު ފެނިގެންދާނެކަމަށާއި ރާއްޖޭގެ ތާރީހުގައި ބަޖެޓެއް އެކުލަވާލިއިރު ގެދޮރު އިމާރާތްކުރުމާއި ފައިނޭންސިންގްއަށް އެންމެ ބޮޑު އަދަދެއް ހިމަނާފައިވަނީ މި ސަރުކާރުން އެކުލަވާލި ބަޖެޓުގައިކަމަށެވެ.
ޒަރީރު ވިދާޅުވީ، އިސްލާމިކް އުސޫލުން 5 އިންސައްތައިގެ ސާވިސް ޗާޖަކާއިއެކު 1.5 ބިލިއަން ދޫކުރުމަށް ހިމަނާފައިވާކަމަށާއި ލުއިގޮތެއްގެ މަތިން އެ ނިޒާމު ރާވާފައިވާކަމަށެވެ. މެމްބަރު ވިދާޅުވީ، މީގެ އިތުރުންވެސް 3 ބިލިއަނާއި ގާތްކުރާ އަދަދެއް މި މަގުސަދުގައި ހިމެނިފައިވާނެކަމަށާއި ފައިނޭންޝަލް ފާމުތައް ނުވަތަ ބެންކުތައް މެދުވެރިކޮށް ކުދި އިންޓްރެސްޓް ރޭޓުތަކުގައި ލޯނުތައް ހަމަޖެހޭނެ އިންތިޒާމުތައްވެސް ރާވާފައިވާކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް އަހަރުގެ ބަޖެޓަކީ ޖުމުލަކޮށް ބުނާނަމަ ގެދޮރުވެރިކަމުގެ ބަޖެޓެއްކަމަށާއި މަލްޓި ޕާޓީ ނިޒާމު ތައާރަފްވެ ޕާޓީއެއްގެ ފަރާތުން އިންތިހާބުވާ މީހަކު ރައީސްކަން ކުރަން ފެށިފަހުން ވެރިކަމުގެ ދައުރުގެ ތެރޭގައި ބިންގާ އަޅައި ފަށާ މަޝްރޫޢުއެއްގެ ތެރެއިން އިމާރާތްކުރާ ފްލެޓުތަކަށް ރައްޔިތުން ވައްދާ ރައީސްއަށް، ރައީސް މުއިއްޒު ވެވަޑައިގަންނަވާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.

